ފަސް ރަށެއްގައި ބެޓަރިން ކަރަންޓުގެ ޚިދުމަތް ދެނީ

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓްރިން ކަރަންޓު ދޭން ފެށުމަށް ނިންމަވާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ކުންފުނީގެ ބޯޑާއި، މެނޭޖްމަންޓް އަދި މުވައްޒަފުންނާއެކު ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފަހުމީ ވިދާޅުވީ، 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.
އެގޮތުން ކ އަތޮޅާއި، އއ އަތޮޅާ، އދ އަތޮޅުގެ އިތުރުން ވ އަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި އެކަށޭނަ ޢަދަދަށް އިއާދަކުރަނިވި ހަކަތަ އުފައްދަން ފަށައި، އެ ރަށްތަކުގައި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އަދި މި ޚިދުމަތް އިތުރު ރަށްތަކަށް ފުޅާކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރެއިން ގްރޭޓާ މާލެ ސަރަޙައްދަށް އިތުރުކުރާ ޖަނަރޭޓަރުތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުންވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، ކުންފުނީގެ ޚިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސްޓެލްކޯއިން ދަނީ ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ