ޚުޠުބާ: ފަތިސްނަމާދުން ދުވަސް ނުފަށާ މީހުން އެނަގައިލަނީ ރިޒުޤް އިތުރުވުމަށް އޮތް ފުރުޞަތު!

މާތް ﷲ ދެއްވާ ރިޒްޤުގައި ބަރަކާތްލައްވާ ކަންކަމުގެ ތެރޭގައި، ފަތިހާ ތެދުވެ ރިޒްޤު ހޯދާން މަސައްކަތް ފެށުން ވެއެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (اللَّهُمَّ بَارِكْ لِأُمَّتِيْ فِيْ بُكُوْرِهَا)[1] މާނައި: "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުން ހެނދުނުގެ ވަގުތުގައި ކުރާ މަސައްކަތުގައި ބަރަކާތްލައްވާނދޭވެ!" 
ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލެއެވެ. އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތެވެ. އެ ކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަޙްރޫމުވެއެވެ. ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ޙައްޤު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެކެވެ. އޮފީހަށް ގަޑި ޖެހިގެންދާ މީހާގެ މުސާރައިން އުނިވާ ގޮތަށް، ސަވާބާއި ދަރުމަ ވެސް އުނިވާނެއެވެ. ފަތިސްނަމާދު ނުކުރުމުން ﷲގެ ރުއްސެވުމުން އޭނާ މަޙުރޫމުވާނެއެވެ. މި ވަގުތުގެ ބަރަކާތުން އިންސާނާ މަޙްރޫމު ކުރެވޭތޯ ޝައިޠާނާ މަސައްކަތް ކުރާނެއެވެ. ރޭގަނޑު ކުޅިވަރުގައި ހޭލައި ހުރުން، އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަކަމަކަށް ހަދާނެއެވެ. މި ފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސް ވުމުންނެވެ. އޭނާއަށް ފަތިސް ނަމާދު ވެސް އަދި ދުވާލުގެ ފެށުން ވެސް ގެއްލުނީއެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ފަތިސްނަމާދަށް ރައްކާތެރިވެ، ހެނދުނުގެ ވަގުތުގައި ހީވާގިކަމާއެކު ރިޒްޤުހޯދާން މަސައްކަތްކުރާ މުރާލި ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ!
**********
ރިޒްޤަކީ ﷲ ބައްސަވާ އެއްޗެއްކަން ދަންނާށެވެ! އެކަލާނގެ މަޚްލޫޤާތުންގެ މެދުގައި ރިޒުޤު ބައްސަވަނީ އެކަލާނގެ ދެނެވޮޑިގެންވާ ޙިކްމަތެއްގެ މަތީންނެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ----   މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް  ބަހައިދެނީ އެއުރެންހެއްޔެވެ؟ ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. އެއީ،  އެއުރެން ކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދްމަތްތެރިކަން ހިފުމަށް ޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް އެއުރެން އެއްކުރާ ތަކެއްޗަށް ވުރެ ހެޔޮކަން ބޮޑެވެ."  
މުސްލިމް އަޚުންނޭވެ! މުއުމިނުންނަކީ ކާމިޔާބީގެ ސަބަބުތަކުގައި ހިފެހެއްޓުމަށް ފަހު، މާތް ﷲއަށް ވަކީލުކޮށް، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ، އެމީހުންގެ ރިޒްޤުގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރާ މީހުންނެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ދައްކަވައިފައި ވަނީ މި ނަމޫނާއެވެ. ނަބީބޭކަލުންގެ ބަފައިކަލުން إِبْرَاهِيْمُ عَلَيْهِ السَّلَامُ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން ހަނަފަސް ވާދީއަކަށް ދޫކޮށްލެއްވި ހިނދު މާތް ﷲ އަށް ދުޢާ ދެންނެވިއެވެ. އެ ކަން ބަޔާންކުރައްވައި  އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިން ކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވައިފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قَائِم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رِزْقُ ދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރިވުމަށް ޓަކައެވެ."[2] މާތް ﷲ އިބްރާހީމުގެފާނުގެ ދުޢާ އިޖާބަ ކުރައްވާފައިވާ ގޮތް ނިކަން ދެކެބަލާށެވެ! މިއަދު މައްކާއަކީ ބަރަކާތްތެރި ރިޒްޤު ތަނަވަސް ރަށެކެވެ. އެއީ މާތް ﷲ އެ ރަށަށް ލެއްވި ރަޙްމަތާއި ބަރަކާތުގެ ސަބަބުންނެވެ. ހަނަފަސް، ފެހިކަމެއް ނެތް ރަށުން މިއަދު ނުލިބޭ މޭވާއެއް ނެތެވެ. އެހެންކަމުން ހަމައެކަނި ﷲ އަށް ދުޢާ ކުރާށެވެ! އެކަލާނގެ ދެއްވާ ކޮންމެ އެއްޗެއްގައި ބަރަކާތްލައްވާތޯއެވެ! 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ