ގައުމީ ކުންފުނީގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކުރަން ހދ. ދިއްދޫ މީހަކު ހުށަހެޅުމުން އެ ނަމުގައި ކުންފުނި ސަރުކާރުން ރަޖިސްޓްރީކޮށް ނުދިން މައްސަލާގައި 2.3 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ގައުމީ ކުންފުނި ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކުރަން ދިއްދޫ މީހަކު 2012 ވަނަ އަހަރު ހުށަހެޅުމުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އެކަމަށް ދެކޮޅު ހެދުމަށްފަހު ނިންމީ ގައުމީގެ ނަމުގައި ކުންފުނި އުފެއްދޭނީ ސަރުކާރަށް އެކަނި ކަމަށެވެ.
އެ މީހާ ކޯޓަށް މައްސަލަ ހުށަހެޅީ ރަޖިސްޓްރީ ފީ އާއި އަހަރީ ފީގެ ގޮތުގައި ސަރުކާރަށް ދައްކާފައިވާ 3,200 ރުފިޔާ ސަރުކާރުން ނެގުމަށްފަހު 3,900 އަށް ވުރެ ގިނަ ދުވަސް ވަންދެން ސަރުކާރުގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާތީ ދުވާލަކަށް 580 ރުފިޔާގެ ރޭޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެ މީހާ ބުނެފައިވަނީ ގައުމީ ޕާޓީ ފަދަ ނަންތައް ޕާޓީތަކަށް ރަޖިސްޓްރީކޮށްދޭއިރު, ގައުމީ ކުންފުނިގެ ނަމުގައި ކުންފުނި ހެދުން މަނާކުރާ އުސޫލެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ކުންފުނީގެ ނަން ރަޖިސްޓްރީކޮށް ދެވޭނީ ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ގަބޫލުކުރެވޭ ނަމަކަށް ވާނަމަ ކަމަށް ކުންފުންޏާބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށާއި އެހެންކަމުން ރަޖިސްޓްރާގެ އެ ނިންމުން ގާނޫނާ ހިލާފްވި ގޮތެއް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އެ މައްސަލާގައި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ނިންމީ ކަމަށް ހުކުމުގައިވެ އެވެ.
"ގައުމީ ކުންފުނި" ރަޖިސްޓްރީކޮށް ނުދިން މައްސަލަ ކޯޓުން ކާމިޔާބެއްނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ