މޯދީގެ ކިބައިން ރައީސް މައާފަށް އެދެންޖެހޭ: ގާސިމް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަތުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަފުޅަކީ ޖަޒުބާތުގައި ދެއްކެވި ވާހަކަފުޅުތައް ކަމަށާއި އެކަމަށް ރައީސް މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.ގާސިމް އިޝާރާތް ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ދެއްކެވި ވާހަކަފުޅަށެވެ."އަޅުގަނޑުމެންގެ ރާއްޖެ ކުޑަވެދާނެ. އެކަމަކު، އެއީ އަޅުގަނޑުމެންނަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން" ރައީސް ވިދާޅުވިއެވެ.ރާއްޖޭގެ ރަށްތަކުގެ ސައިޒު ކުޑަޔަކަސް މިއީ 900000 އަކަ ކިލޯ މީޓަރު ބޮޑު ގައުމެއް ކަމަށާއި އިންޑިއާ ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތީ ރާއްޖެ އަށް ކަމަށް ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށެވެ.ގާސިމް ވިދާޅުވީ، ރައީސް ޗައިނާއަށް ވަޑައިގަތުމަށް ފަހު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް މަރުހަބާ ދެންނެވެން ނެތް ކަމަށެވެ. އޭގެ ތެރެއިން އެއް ވާހަކަފުޅުގެ ގޮތުގައި ގާސިމް ފާހަގަކުރެއްވީ، އާސަންދައިގެ ދަށުން ދިވެހީން ބޭސްފަރުވާއަށް ދިއުމަށް ތައިލޭންޑާއި ޔޫއޭއީ ހަމަޖެއްސުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅެވެ."އަޅުގަނޑުމެންނަކީ ބެކްޔާޑުގައި އޮތް ތަނެއް ނޫނޭ ބަޔެއްގެ އެހެން ވެސް ވިދާޅުވީމަ ވަކި ބަޔަކަށް އެބަ ނިސްބަތްވޭ އަނެއްކާ ބުލީ ކުރެވޭނެ ބަޔެއްވެސް ނޫން ކަމަށް އެވެސް ރަނގަޅު ވާހަކަފުޅެއް ނޫން އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ."އަޅުގަނޑު އެދެން ރައީސް މުއިއްޒު ޗައިނާ އިން ވަޑައިގެން އެ ދެއްކެވި ވާހަކަފުޅުގެ ދެތިން ހަތަރު ޕޮއިންޓަށް، ރަސްމީކޮށް އިންޑިއާ ސަރުކާރުންނާއި ބޮޑުވަޒީރު މޯދީގެ ކިބައިން ޕްރޮފެޝަނަލްކޮށް މައާފަށް އެދިވަޑައިގަންނަވަން،" ގާސިމް ވިދާޅުވި އެވެ.އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި ނަމަވެސް ގާނޫނީ ހުދޫދޫގެ ބޭރުން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ