60 މިލިއަން ރުފިޔާ ހަރަދުވާ އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށައިފި 60 މިލިއަން ރުފިޔާ ހަރަދުވާ އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެމްއެލް) އިސްލާމިކުން 60 މިލިއަން ރުފިޔާ އިންވެސްޓުކޮށްގެން ތަރައްގީކުރާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ސަނާބިލް އިމާރާތުގެ ކޮންކްރީޓު މަސައްކަތް މިއަދު ފަށައިފި އެވެ.
ކޮންކްރީޓް އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މަޝްރޫއުގެ ކޮންކްރީޓް އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު އެވެ.
އެ ރަސްމިއްޔާތުގައި އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ އަހުމަދު އަމީން މުހައްމަދު ވިދާޅުވީ އެ މަޝްރޫއަކީ އެއް މިލިއަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކް ހިމެނޭހެން ޖުމްލަ 60 މިލިއަން ރުފިޔާ ރެއިޒް ކުރުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ހުޅުވާލުމުން ބީއެމްއެލް އިސްލާމިކުން ފުލްކޮށް ސަބްސްކްރައިބް ކުރި ކަމަށެވެ.
"މި ސުކޫކަކީ 10 އަހަރުގެ ޓެނުއާ މުއްދަތަކަށް ޝަރީއާ ކޮމްޕްލައިންޓް ސުކޫކް އިސްތިސްނާ ކޮންސެޕްޓަށް ފަރުމާކުރެވިފައިވާ ސުކޫކެއް. މި ސުކޫކުގެ ސަބްސްކްރިޕްޝަން ހަމަވިއިރު ރެއިޒްކުރުމަށް ކަނޑައެޅުނު 60 މިލިއަން ރުފިޔާ ދިވެހިރާއްޖޭގެ ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކުން ފުލްކޮށް ސަބްސްކްރައިބް ކުރިކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.
މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ބީއެމްއެލްއަށް ދައްކަން ޖެހޭ ފުރަތަމަ ޕޭމަންޓް ކަމަށްވާ 2.7 މިލިއަން ރުފިޔާ ދައްކައި ނިންމާފައިވާކަން އަހުމަދު އަމީން ފާހަގަކުރެއްވި އެވެ.
ރަސްމިއްޔާތުގައި ޑރ. އަލީ ޒާހިރު ވިދާލުވީ ސަނާބިލް އިމާރާތަކީ އައިޔޫއެމްއަށް އާމްދަނީ ހޯދުމަށް އަޅާ އިމާރާތަކަށްވީ ނަމަވެސް، އެ ޔުނިވާސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މަޝްރޫއުގެ މަސައްކަތް ކުރުމަށް އޯކް ޑިވެލޮޕްމަންޓްއާ ހަވާލުކޮށްފައިވާއިރު، މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އައިޔޫއެމް އިން ބުންޏެވެ.
ޖުމްލަ ހަތް ފަންގިފިލާއަށް އިމާރާތްކުރާ އައިޔޫއެމް ސަނާބިލް އިމާރާތުގައި އޮފީސް އިމާރާތްތަކާއި ކްލާސްރޫމްތައް އަދި އޮޑިޓޯރިއަމާއި ހޯލްތައް ހިމެނޭއިރު، އެތަންތަން ކުއްޔަަށް ދީގެން އާމްދަނީ ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ