ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާގައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމުމާއި ގުޅިގެން އެ މައްސަލަ މާދާމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
ޖޭއެސްސީން މިއަދު އެ ނިންމުން ނިންމާފައިވަނީ މިއަދު މެންދުރު ބޭއްވި ޖަލްސާގައެވެ. 
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު އަދި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ.
Advertisement
މި މައްސަލައާ ގުޅިގެން ފަހު ގޮތް ނިންމާނީ މަޖިލީހުންނެވެ. 
ފަނޑިޔާރަކު މަގާމުން ވަކިވާނީ، ފަނޑިޔާރަކު ވަކިކުރަން ޖެހޭ ކަމަށް ޖޭއެސްސީގެ ޖަލްސާއަކުން ފާސްކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމީ، ކޮމިޝަނުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުތޯ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލައި ދިރާސާކުރުމަށްވެސް ފަހުގައެވެ. 
އަދި ކޮމިޓީން ވަކިކުރާން ނިންމައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފަނޑިޔާރު ވަކިކުރަން ފާސްކުރުމުންނެވެ. 
އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ހިމަނާފަ އެވެ. މާދަމާގެ ޖަލްސާގައި އެ މައްސަލަ ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވާނެ އެވެ.
މި ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވައިލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއްވެސް އެދުވަހު ތާވަލްކޮށްފައި އޮއްވައެވެ.  
ސަސްޕެންޑް ކޮށްފައުވަނިކޮށް ސުޢޫދު ވަނީ، މަގާމުން އިސްތިއުފާ ދެއްވާފައެވެ. 
މަހާޒާއި އަޒްމިރަލްދާ ސަސްޕެންޝަނުގައި ހުންނެވުމުން، ފަނޑިޔާރުންގެ ބެންޗު ހަމަނުވާތީ ގޮނޑި ގެއްލޭ މައްސަލަ އޮތީ އަދިވެސް މަޑުޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ