ރެއާލް ކައިރީގައި ނަތީޖާ އަނބުރާލެވޭ ފެންވަރު އެތުލެޓިކޯގެ އެބަހުރި: ސިމިއޯނީ ރެއާލް ކައިރީގައި ނަތީޖާ އަނބުރާލެވޭ ފެންވަރު އެތުލެޓިކޯގެ އެބަހުރި: ސިމިއޯނީ

މެޑްރިޑް (މާޗް 12) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، އެ ޓީމު ކައިރިން ނަތީޖާ އަނބުރާލެވޭނެ ފެންވަރު އެތުލެޓިކޯ މެޑްރިޑްގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު، ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
މިދިޔަ ހަފްތާގައި ރެއާލް ދަނޑުގައި އެ ޓީމު ވަނީ 2-1 އިން އެތުލެޓިކޯ ބަލިކޮށްފަ އެވެ.
އެހެންކަމުން، މިރޭ އެތުލެޓިކޯގެ ދަނޑު ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅޭ މެޗުގައި އެތުލެޓިކޯ އަށް މި ވަނީ މޮޅެއް ހޯދަން މަޖުބޫރުވެފަ އެވެ.
ފުރަތަމަ ލެގުން ބަލިވުމަށް ފަހު، ދެ ވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅެގެން ޗެމްޕިއަންސް ލީގުގެ ހަ މެޗުގެ ތެރެއިން ތިން މެޗުގައި އެތުލެޓިކޯ އިން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. އެކަމަކު، އެތުލެޓިކޯ ވަނީ ޗެމްޕިއަންސް ލީގުގައި ރެއާލާ ކުޅުނު ދެ ފަހަރު ވެސް ބަލިވެފަ އެވެ.
ސިމިއޯނީ ބުނީ މި ވަގުތު އޮތް އެތުލެޓިކޯ ޓީމަކީ ރެއާލް ކައިރިން ނަތީޖާ ނެރެވޭނެ ފެންވަރުގެ ޓީމެއް ކަމަށެވެ.
"ކުޅުންތެރިންނާ މެދު އުންމީދު އެބައޮތް، މި ސްކޮޑަށް އަހަރެން އިތުބާރު ވެސް ކުރަން. ކުޅުންތެރިންގެ ހިތުގައި އޮތީ މި މުބާރާތުގައި ދެމި އޮވެ ކުރިއަށްދާން. އަހަރެމެންގެ ޓާގެޓަކީ ފައިނަލަށް ދަތުރުކުރުން. އެ އަމާޒަށް ދިއުމަށް ކުޅުންތެރިން ވަރަށް ހިތްވަރު ކުރާނެ،" ސިމިއޯނީ ބުންޏެވެ.
އެތުލެޓިކޯގެ ކޯޗުކަން 2011 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ސިމިއޯނީ ބުނީ، އޭނާއާ ރެއާލް މެޑްރިޑްގެ ކޯޗު އިޓަލީގެ ތަޖުރިބާކާރު، ކާލޯ އަންޗެލޮޓީ އަޅާކިޔުމަކީ އެހާ ގަޔާވާ ކަމެއް ނޫން ކަމަށެވެ. އަދި، އަންޗެލޮޓީގެ ކެރިއަރަށް ބަލާއިރު، އެއީ އޭނާ އަށް ވުރެ މާ މޮޅު ކޯޗެއް ކަމަށް ސިމިއޯނީ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ