މިތުރާ ގަޔާވެލީ... 18

"ކީއްވެ ނަޖާތު ގޮވައިގެން ނުދިޔައީ؟" ވިރުދާ އަހައިލިއެވެ. "ތިކަހަލަ ކަމެއްގަ ބޮޑަށް ފެމެލީ މީހަކާ އެކީ ދިޔެއްޔާއެއްނު ރަނގަޅުވާނީ...." ރޫބީ އިސްޖަހައިލިއެވެ. ނަޖާތުގެ ފަރާތުން ކުރިން ފެނުނު ގާތްކަން ރޫބީއަކަށް އިހުސާސެއް ނުކުރެވެއެވެ. ގެއަށް މީހަކު ވައްދައިގެން ނަޖާތު އެހާ ހިތްހަމަނުޖެހެންޖެހޭ ސަބަބެއް ރޫބީއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ******** "ފެމެލީ ދޯ؟..." ރޫބީގެ ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. "އަހަރެންގެ އާއިލާގަ އަހަންނަށް އެހީވާން ހުރި ހަމައެކަނި މީހަކީ ނަޖާތު... އެކަމަކު..." "އަހަންނަށް ހީވާ އެއްޗެއް ބުނަންތަ؟" މަގު ހުރަސްކުރަން އުޅެފައި ވިރުދާ ރޫބީގެ އަތުގައި ހިފައި، ހުއްޓުވިއެވެ. "ޕާސަނަލީ ނަޖާތު އެނގޭތީ މިބުނަނީ... އަހަންނަށް ހީވަނީ އޭނަ ކޮންމެސް ކަމެއް ކުރާހެން... އަހަންނާ އެކީ ގްރެޖުއޭޓްވި ނަޖާތެއް ނޫން މިހާރު އަހަންނަށް ފެންނަނީ..." "ތިބުނީ؟..." ރޫބީ ހައިރާންވެފައި ވިރުދާގެ މޫނަށް ބަލައިލިއެވެ. "ނަޖާތު ވަރަށް ގިނައިން ނައީމު ރެސްޓޯރެންޓަށް ދާތަން ފެންނާތީ މިބުނީ..." ވިރުދާ ބުނެލިއެވެ. "އެއީ އާއްމުކޮށް އާދައިގެ މީހުން ގޮސްއުޅޭ ތަނެއް ނޫން... އެއްދުވަހު ދިމާވެގެން ސުވާލުކުރިފަހުން އަހަންނާ އަނގައިންވެސް ނުބުނޭ... ފެންނަކަމަށްވެސް ނުހަދާ.." "ނައީމު؟..." ރޫބީއަށް އަހައިލެވުނެވެ. "ނައީމު ނޭނގޭތަ؟..." ވިރުދާ ދެފަރާތަށް ބޯ ހޫރައިލިއެވެ. "މަޝްހޫރު އަލީ ނައީމު ނޭނގޭ މީހެއް މަދުވާނެ... އެ ނައީމަކީ ކޮންކަހަލަ ބިޒްނަސްއެއް ކުރާ މީހެއްކަން ރޫބީއަށް ފަހަރެއްގަ ނޭނގި އޮވެދާނެ... އެކަމަކު އަހަންނަށް އެނގޭ އެއީ ކޮންކަހަލަ މީހެއްކަން.. އަޑުއެހިން އެ ރެސްޓޯރެންޓްގަ އެމީހުންގެ ބޮޑު އޮފީހެއް ހުންނަ ވާހަކަވެސް.... އަހަންނަށް ހީވަނީ ނަޖާތު ދަނީ އެތަނަށް ހެން..." "ތިބުނީ ކޮންކަހަލަ އޮފީހެއް؟" ރޫބީގެ ޝައުގުވެރިކަން އިތުރުވިއެވެ. "އަހަންނަށްވެސް އެނގެނީ މީހުން ދައްކާ ވާހަކަ..." ވިރުދާ ޗޮކެއް ކަނޑައިލިއެވެ. "އެތާ ކުރާ ކަމެއް އެނގޭނީ ހަމަ އެމީހުންނަށް..." ރޫބީ ވިސްނައިލުމުން ވިރުދާ ބުނި ވާހަކަތައް ދިމާވާކަން އެނގުނެވެ. ނަޖާތު ވަނީ ރޫބީ ގޮވައިގެންވެސް އެބުނާ ރެސްޓޯރެންޓަކަށް ގޮސްފައެވެ. ތަނުގައި ތިބި ގިނަ މީހުންނަކީ ވިރުދާ ބުނިހެން އާދައިގެ މީހުން ނޫންކަން އެދުވަހުވެސް ރޫބީއަށް ފާހަގަވިއެވެ. ނަޖާތުގެ އަތުގައި އޮތް ރަންކުލައިގެ ކާޑަކީ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫންކަމަށް ޔަޒްދާން އޮތީ ބުނެފައެވެ. އަނެއްކޮޅުން އެތަނުގައި ހުރި ރަންކުލައިގެ ދޮރުން ނަޖާތު ވަދެނުކުމެ ހެދިތަން ރޫބީއަށް ވަނީ ފެނިފައެވެ. ފިހާރަ ހުންނަ މަގަށް ދެވުމާއިއެކު، ރޫބީގެ ފިޔަވަޅުތައް ހުއްޓުނެވެ. ވިރުދާއަށްވެސް ވީ އެވަރެވެ. ކުރިމަތީގައި ހުރި ނަޖާތުގެ މޫނުން ނަޒަރު ވަކިކޮށް، ރޫބީއަށް ބަލައިލިއެވެ. ރޫބީ ހުރީ ފެނުނު މަންޒަރު ގަބޫލުނުކުރެވިފައެވެ. އެފަދަ ގޮތަކަށް ނަޖާތާއި ބައްދަލުވެދާނެކަމަކަށް ރޫބީ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ނަޖާތު ހުރީ ފިހާރަ ކައިރީގައި ކޮޅަށެވެ. ކައިރީގައި އިބާ ހުއްޓެވެ. ނަޖާތުގެ އަތުގައި ބާޒާރުކުރަން ގެންގުޅޭ ކަހަލަ ބޮޑު ކޮތަޅެއް އޮތްއިރު، އިބާ ހުރީ ދަބަހެއް އަޅުވައިގެންނެވެ. އިބާ މަސައްކަތް ކުރަމުންދިޔައީ ކޮންމެވެސް މީހަކަށް ގުޅޭތޯއެވެ. "މި މަންމަ ފޯނެއްވެސް ނުނަގައޭ..." ފޯނު ޖީބަށް ލަމުން އިބާ ވާހަކަދެއްކީ ނަޖާތަށެވެ. "އަހަނ! މިއޮއް އައީނު ފަހަރިވެސް..." އިބާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް، ރޫބީގެ އަތުގައި ހިފައިލިއެވެ. ވިރުދާ ލޮލުގެ އިޝާރާތުން ދަނީކަމަށް ބުނެފައި މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. ނަޖާތު ހުރުމުން، ވިރުދާ ދިޔުމުގެ ބޭނުމެއް އޭނާއަށް ނުވިސްނުނީއެވެ. އަނެއްކޮޅުން ވިރުދާ ފެނުމުން، ނަޖާތުގެ މޫނުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނުމުން، ވިރުދާ އިތުރަށް މަޑުކުރަން ބޭނުންނުވީއެވެ. "އެގުޅަނީ މަންމަ..." ފޯނުގެ އިސްކްރީން ދައްކައިލަމުން އިބާ ބުނެލިއެވެ. އިބާ ފޯނު ކަންފަތުގައި ޖަހައިގެން ދުރަށްޖެހިލުމުން، ނަޖާތާއި ރޫބީ އެކަނިވިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލީ، ދުރު ބަޔަކު ހިނިތުންވެލާ ފަދައިންނެވެ. "ކީއްވެ އަހަންނަށް ނުގުޅީ؟..." ރޫބީގެ އަތުގައި ހިފާލަމުން ނަޖާތު އޯގާތެރިކަމާއިއެކު ސުވާލުކުރިއެވެ. "އޭނ؟" ރޫބީއަށް ލިބުނީ ކުއްލި ސިހުމެކެވެ. "އަދިވެސް އަހަރެންދެކެ ހިތްހަމަނުޖެހިފަތަ؟" ނަޖާތު އަހައިލިއެވެ. "ނޫން..." ރޫބީ ދެފަރާތަށް ބޯ ހޫރައިލިއެވެ. "ސޮރީ..." ނަޖާތު މާފަށް އެދުނެވެ. ރޫބީއަށް ނަޖާތުގެ މޫނަށް ބަލައިލެވުނެވެ. އެ މޫނުން ފެނުނީ ހިތާމައިގެ އަސަރެވެ. ކުރެވުނު ކަންތަކާއި ނަޖާތު ދެރަވިކަން އެނގުމުން، ރޫބީގެ ދެލޯ ފެންކަޅިވާން އުޅުނެވެ. ނަޖާތާއި ދޭތެރޭ ގޯސްކޮށް ހީކުރެވުމުން، ރޫބީއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. "އެގޮތަށް ކަންތައްކުރެވުނީމަ ވަރަށް ދެރަވި..." ނަޖާތުގެ އަޑުގައިވީ އެތައް ހާސް ރިހުމެކެވެ. "އަހަރެން ގަސްދުގަ ދުވަހަކުވެސް ރޫބީ ދުރުކޮށްލަފާނެކަމަށް ނުވިސްނައްޗޭ! އަހަރެންގެ މަންމަގެ ބަނޑުން އުފަންނުވިޔަސް، ރޫބީ ތީ އަހަރެންގެ މަންމަ އަމިއްލަ ދަރިއެއްހެން ގެންގުޅުނު ކުއްޖެއް... އަހަރެން ދެކެނީ ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތަށް..." ރޫބީގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއިރު، ނަޖާތަށްވެސް ރޮވިއްޖެއެވެ. އެ ކަރުނަތައް ފޮރުވަން އޭނާ އަވަހަށް ރޫބީގެ ގައިގައި ބައްދައިލިއެވެ. "އަހަރެންގެ ކޮއްކޮ ކައިވެނި ކުރާއިރު، އަހަންނަށް ދުރުގަ ހުރެވޭނެތަ؟" ކަރުނަތައް ފޮހެލަމުން ނަޖާތު ރޫބީއާއި ދުރަށްޖެހިލިއެވެ. "އިބާ ބުނީމަ އަހަންނަށް އެނގުނީ މިއަދު އެހާ މުހިއްމު ޝޮޕިންއެއް އޮތްކަންވެސް... މިކަން މިސްވިނަމަ، އަހަރެން ދެން ކިހިނެއް ރޫބީއާ ފޭސްކުރާނީވެސް.." "ސޮރީ!.." ރޫބީ މާފަށް އެދުނެވެ. ނަޖާތުގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް އަރާފައި އޮތީ، ހަތަރު ނަންބަރުގެ ކޯޑެކެވެ. އިސްކްރީނަށް ބަލައިލިގޮތަށް ނަޖާތު ފޯނު ކަނޑައިލިއެވެ. ދެވަނަ ފަހަރަށްވެސް އެމީހަކު ގުޅަން ފެށިއެވެ. ނަޖާތުގެ މޫނުން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. ރޫބީއަށް ބަލައިލާފައި ގަދަކަމުން ހީލަމުން، ނަޖާތު ފޯނު ނިވައިލިއެވެ. "ހިނގާ އެއޮއް އައީ މައިޓުވެސް..." ނަޖާތު އިޝާރާތްކުރީ ފިހާރަ ކައިރިއަށް ހުއްޓާލި ކާރަށެވެ. ނަޖާތު ހިނގައިގަންނަން އުޅުމުން، ރޫބީ ނަޖާތުގެ އަތުގައި ހިފައިލިއެވެ. "ނަޖާ!..." އަސަރުން ފުރިގެންވީ ރާގަކަށް ރޫބީ ނަޖާތަށް ގޮވައިލިއެވެ. "ޔަގީންތަ ހުރިހާ ކަމެއް އޯކޭކަން؟... އެއްވެސް ހެލްޕެއް ބޭނުންތަ؟" ނަޖާތު އެއްޗެއް ބުނަން އުޅުނެވެ. ދެތިން ފަހަރު އަނގަ ހުޅުވައިލާފައިވެސް، އޭނާއަށް ހިތްވަރެއް ނުލިބުނެވެ. "ކީއްވެތަ ދޮންބެ ނައީ؟" ފިހާރައަށް ވަންގޮތަށް އިބާ ފުސްމޫނު ހަދައިލިއެވެ. "އަންހެނުންގެ އެއްޗެހި ގަންނާކަށް ފިރިހެނުންނަކަށް ނޭނގޭނެއޭ ދޯ ރޫބީ.." ފަލާހާ ބަލައިލީ ރޫބީއަށެވެ. "ޔެސް ނުބުނާތި!..." ރޫބީގެ އަތުގައި ހިފާލަމުން އިބާ ބުނެލިއެވެ. ފަލާހާ ފެނުމުން ކައުންޓަރުގެ ކައިރީގައި ތިބި ދެ މުވައްޒަފުން އެއްފަހަރާ އައެވެ. ހަރުގައި އަޅުވާފައި ހުރި ހެދުންތައް ދައްކަން ފެށިއެވެ. އެ ހެދުންތަކުގެ ތެރެއިން ފަލާހާ ނެގީ ހުދުކުލައިގެ އޮފް ފޮއްޗަކުން ފަހާފައިވާ ހެދުމެކެވެ. އަތްދިގު އެ ހެދުމުގެ މޭމައްޗާއި އަތާއިއެކު ލޭސްފޮތިލާފައިވާއިރު، މޭމަތީގައި ކުދި ގޮތަށްތަކެއް ހަރުކޮށްފައި ހުއްޓެވެ. ހެދުމުގެ ބަނޑާއި ދިމާގައި ހަރުކޮށްފައިވާ ޖަވާހިރުގެ ވިދުން ގަދައެވެ. އޭގެ ވަށައިގެން ތިރިއަށް އެލިފައި ހުންނަ ގޮތަށް ހަރުކޮށްފައި ހުރި ހުދުކުލައިގެ އެސްތަކުން ހެދުން އިތުރަށް ޖަރީކޮށްދެއެވެ. "ތީ އަޅުގަނޑުމެންގެ އެންމެފަހުގެ ޑިޒައިން... މިއަދު މިކޮޅަށް ގެނައީވެސް..." މުވައްޒަފު ތަފްސީލް ދިނެވެ. "ވަރަށް ކޮލެޓީ މެޓީރިއަލްއެއްތީ... މި ހެދުން ސްޕެޝިއަލްވަނީ، މީގަ ރިއަލް ޑައިމަންޑެއް ބޭނުންކޮށްފަ ހުރީމަ..." "މަންމައަށް މިހެދުން ހާދަ ރީއްޗޭ...." ރޫބީއަށް ހެދުން ދައްކައިލަމުން ފަލާހާ ބުނެލިއެވެ. "އަހަންނަކަށް އަގެއް މުހިއްމެއް ނޫން... މި ހެދުމާ ގުޅޭ ބޫޓާ، ގަހާނަތައް ކޮބާ؟" "ވަރަށް ރީތި.. އެކަމަކު، އަގު..." ރޫބީ އެއްޗެއް ބުނަން އުޅުމުން، އިބާ އަވަހަށް ރޫބީ ހުއްޓުވިއެވެ. "މަންމަ ކުރާ ކަމަކަށް ފާޑު ކިޔައިފިއްޔާ ފޭވަރިޓްކަން ގެއްލިދާނެ... މިހާރު ފަހަރިތީ މަންމަގެ ފެވަރިޓް... ދެން ޔެސް ބުނެލަބުނެލާ ހުރެބަލަ" އިބާ ރޫބީގެ ކަންފަތްދަށުގައި ސިއްރުން ބުނެލިއެވެ. ހެދުމާއިއެކު އަރާ ފައިވާނާއި ބޫޓާއި، ގަހަނާތައް ހަމަޖެއްސުމަށް މުޅި ދުވަސް ރޫބީއަށް ފިހާރައިގައި ހޭދަކުރަން ޖެހުނެވެ. ފަލާހާ ރޫބީގެ ހިޔާލު ހޯދިއެވެ. ނަޖާތު ދިން ހިޔާލުތައްވެސް ބަލައިގަތެވެ. ރޫބީއަށް އެންމެ ކަމުދިޔައީ ފަލާހާގެ އެ ސިފައެވެ. ހުރިހާ ކަމެއް ނިންމައި، ހެދުމުގެ މިންތައް ދީފައި، ރޫބީމެންނަށް ގެއަށް ދެވުނީ އިރުއޮއްސި އަނދިރިވީ ފަހުންނެވެ. ގެއަށް އައިއިރު، ރޫބީ ހުރީ ވަރުބަލިވެފައެވެ. ރޫބީ ގެއަށް ވަނުމުންވެސް، ނަޖާތު އެތެރެއަށް ވަންނާކަށް ނޫޅުނެވެ. "ވަރަށް މުހިއްމު ކަމަކު ބޭރަށް ގޮސްލަން އެބަޖެހޭ" ނަޖާތު ހިނިތުންވެލިއެވެ. "މިގަޑީ ކޮން ކަމަކު؟" ނަޖާތު ފޮނުވާކަށް ރޫބީ ބޭނުމެއް ނުވިއެވެ. "ރެސްޓްކޮށްލާފަ ދާންވީނު..." "މިއަދު އެބަޖެހޭ ކޮންމެހެންވެސް ކަމެއް ނިންމަން... ނިންމާފަ އަންނާނަން..." ރޫބީއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ، ނަޖާތު ދޮރު ލައްޕާފައި ދާން ހިނގައިގަތެވެ. ******** ގޭތެރެއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ސޯފާގައި އިށީނދެލައިގެން އިން ޔަޒްދާންއަށް އިނީ ނިދިފައެވެ. ހޫނުވެގެން ދާހިއްލާ ފޯވެފައިވާއިރު، ނިދީގައިވެސް ޔަޒްދާންއަށް އުނދަގުލެއް ވަމުންދިޔަކަން މޫނުމަތިން އެނގެމުން ދިޔައެވެ. ޔަޒްދާންގެ ލެޕްޓޮޕާއި، ފޯނާއި، ފައިލު ހުޅުވިގޮތަށް ކައިރީގައި ހުރި މޭޒު މަތީގައި ހުއްޓެވެ. ނަޖާތުގެ އަތުން އަތުލި ކާޑުވެސް އޮތެވެ. ގެއަށް ވަދެވެން ހުންނަ ދޮރު ކުޑަކުޑަކޮށް ހުޅުވުނެވެ. މަޑުމަޑުން އިވުނު ކުރަކި އަޑު ގޭގެ ހަތަރުފަރާތު ފާރުގައި ޖެހިފައި އެކޯވެގެން އައެވެ. ދޮރު ލެއްޕުމާއިއެކު، ދޮރުން އެތެރެއަށް އެޅުނު ފަނޑު އަލިކަން ގެއްލި، މުޅި ތަން އަނދިރިވިއެވެ. އެތެރެއަށް ވަން މީހަކު ކުރިއަށް ހިނގައިގަތީ، އޭނާގެ އަތުގައި އޮތް ބައްތި އެކި ދިމަދިމާއަށް އަޅުވައިލަމުންނެވެ. މަޑު ނޫކުލައިގެ އަލި ސޯފާގައި އިން ޔަޒްދާންގެ ގަޔަށް އެޅުމާއިއެކު އެމީހެއްގެ ފިޔަވަޅުތައް ހުއްޓުނެވެ. އަވަސް އަވަހަށް ބައްތި ނިވައިލިއެވެ. ޔަޒްދާންއަށް ހޭލެވުނީ، މީހެއްގެ ހިލަންވިހެން ހީވުމުންނެވެ. ކުއްލިއަކަށް ޔަޒްދާން އޭނާގެ އަތުގައި އޮއް ސްވިޗަށް ފިތައިލިއެވެ. މުޅި ތަން އަލިވިއެވެ. ދޮރާއި ދިމާއަށް ގޮސްގޮސް ހުރި މީހާގެ ފިޔަވަޅުތައް ހުއްޓުނެވެ. ކަޅު ފޭރާމުގައި ހުރިއިރު، އޭނާގެ މޫނުގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން، މޫނުން ފެންނަމުން ދިޔައީ ހަމައެކަނި ދެލޮލެވެ. އޭނާ ފަސްއެނބުރި ބަލައިލުމުގެ ކުރިން ޔަޒްދާން ފަހަތުން ގޮސް އެމީހަކު ލައިގެން ހުރި ހެދުމުގައި ހިފައި، ފަހަތަށްވާހެން ވައްޓައިލިއެވެ. ވެއްޓި ޖެހުމާއިއެކު، އެމީހެއްގެ އަތުގައި އޮތް ކާޑު ވިއްސައިގެން ތަންކޮޅެއް ދުރަށް ދިޔައެވެ. ކާޑާއި ދިމާއަށް ބަލައިލި ނަމަވެސް، ވީތަދުން އެމީހަކަށް އޮތީ ގުޑިވެސްނުލެވިފައެވެ. "މިފަހަރު ނުފިލޭނެ..." އެމީހާގެ ފައިގެ ދެފަރާތުން މުށިތަކުގެ މަތީގައި ކަކޫ ޖައްސައި، އިށީނދެފައި، ޔަޒްދާން އެމީހާގެ ދެއަތް ހައްޔަރުކޮށްލިއެވެ. މާނޭވާލަމުންދިޔައިރު، އެމީހަކު ދެލޯ ބޮޑުކޮށްގެން ޔަޒްދާނަށް ބަލަމުން ދިޔައެވެ. ސަލާމަތްވާން މަސައްކަތް ކުރެވޭ ވަރަށްވުރެ އޭނާގެ ހާލު ދެރައެވެ. ޔަޒްދާންގެ ނަޒަރު އެމީހާގެ މޫނުން، ތަންކޮޅެއް ދުރުގައި އޮތް ކާޑަށް ހުއްޓުނެވެ. އެއާއިއެކު އޭނާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. "މޫނު ހާމަކުރަންވީތަ؟ ނޫނީ ތެދަށް ޖަވާބުދޭނީތަ؟" ޔަޒްދާން ދެބުމަ ކައިރިކޮށްލިއެވެ. ޔަޒްދާން އެމީހެއްގެ މޫނުގައި އަޅާފައިވާ ފޮތިގަނޑު ދަމައިގަތެވެ. ހާމަވެގެންދިޔައީ ޔަޒްދާނަށް އައު މޫނެއް ނޫނެވެ. ފޮތިގަނޑު ދަމައިގަތް އިރުވެސް އެއީ ކާކުކަން ޔަޒްދާނަށް އެނގޭ ކަހަލައެވެ. ******** ގޭތެރޭގައި ދެކޮޅަށް ހިނގަހިނގާ ހުރި ރޫބީގެ މޫނުން ފެންނަމުން ދިޔައީ ހާސްކަމެވެ. އޭނާއަށް ބެލެމުން ދިޔައީ ފާރުގައި ހަރުކޮށްފައިވާ ގަޑިއެވެ. ނަޖާތު ދިޔަފަހުން، ތިންގަޑިއިރުވީއެވެ. ރޫބީ ތަކުރާރުކޮށް ގުޅި ނަމަވެސް، ނަޖާތުގެ ފޯނު އޮންނަނީ ނިވާލާފައެވެ. ބޭރަށް ދާން ތައްޔާރުވެގެން ރޫބީ ގެއިން ނުކުތެވެ. ޓެކްސީއެއް ހޯދައިގެން ވިރުދާ ބުނި ރެސްޓޯރެންޓަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ރެސްޓޯރެންޓްގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއިއެކު ރޫބީ ކާރުން ފޭބިއެވެ. ނަޖާތާއި ބައްދަލުކޮށްފައި ނޫނީ ރެސްޓޯރެންޓުން ނުނިކުންނަން ރޫބީ ހުރީ އަޒުމުކަނޑައަޅައިގެންނެވެ. ކުރިއަށް ހިނގައިގަތް ރޫބީއަށް ހުއްޓެން މަޖުބޫރުވީ ދޮރުމަތީގައި ހުރި މީހަކު ފެނުމުންނެވެ. ދޮރުމަތީގައި ހުރީ ނައީމެވެ. ރޫބީއަށް ގޯނާކުރި ނައީމެވެ. އެ ސިފަ ދެން ދުވަހަކުވެސް ރޫބީއަކަށް ނޯޅޭނެއެވެ. ނައީމު ހުރީ ފޯނުގެ އިސްކްރީނަށް ނަޒަރު ހުއްޓާލައިގެންނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ