އަޅުގަނޑުގެ މައްޗަށް ރައީސްގެ ނުފޫޒެއް ނުފޯރާނެ: އަބްދުއްރަހީމް
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއް ނުވަތަ ރިޔާސަތުގެ ކޮންޓްރޯލު ވެސް އޮތީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަތްޕުޅުގައި ނޫންކަމަށާއި، މަޖިލީހަށް ރައީސްގެ އެއްވެސް ނުފޫޒެއް ނުފޯރާކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުއްﷲ މިއަދު ވިދާޅުވެއްޖެއެވެ.އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގައި ކުރިއަށްދިޔަ ކޮމެޓީ ރިޕޯޓެއްގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހަޅުއްވާފައިވާ މައްސަލަ އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ މަޖިލިސް ކޮންޓްރޯލްކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އޭނާ ވިދާޅުވީ އަބްދުއްރަހީމާއި މެންބަރުން ވެސް ކޮންޓްރޯލުކުރައްވަނީ ރައީސްކަމަށެވެ."ވަކީން ހާއްސަކޮށް [މަޖިލިސް] ރައީސަކީ، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގައި އިންނެވި ބޭފުޅެއް. ބޮޓުންތަކެއް އޮޕަރޭޓްކުރާ ގޮތަށް މި ތަން މި އޮޕަރޭޓްކުރަނީ،" މައުރޫފް ވިދާޅުވި އެވެ.އެއާއެކު މައުރޫފްގެ ވާހަކަ ހުއްޓުވުމަށްފަހު އަބްދުއްރަހީމްވަނީ މަޖިލިސް ހިންގަމުން ދަނީ މަޖިލިސް ހިންގުމަށް އެކުލަވައިލައިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ.އަދި ރައީސްގެ ކޮންޓްރޯލު މުޅި މަޖިލީހަށާއި، ރިޔާސަތަށް އޮތް ކަމަށް ބުނެ މައުރޫފް ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް ނޫންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ."ރައީސުލްޖުމްހޫރިއްޔާ ނިސްބަތް ވެވަޑައިގަންނަވާ ޕާޓީގެ ސުޕަ މެޖޯރިޓީ މިތާ އޮތުމަކީ އެއީ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މިތަން ކޮންޓްރޯލްކުރާ ކަމަށް ވާހަކަ ވިދާޅުވެވޭނެ ސަބަބެއް ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންނަކީ "ބޮޓުން" ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން މީގެ ކުރިންވެސް ވިދާޅުވެފައިވާއިރު އެ ގޮތަށް ވާހަކަ ނުދެއްކެވުމަށް އަބްދުއްރަހީމް އެދިވަޑައިގެންފައިވެ އެވެ. މަޖިލީހުގެ މަސައްކަތްތައް ހިނގަމުން އަންނަ ގޮތާއެކު ސަރުކާރާ އިދިކޮޅު ގިނަ އަދަދެއްގެ އާންމުންގެ ފާޑުކިޔުން ވެސް އަދި އިދިކޮޅު އެމްޑީޕީގެ އިސްވެރިންގެ ފާޑުކިޔުން ވެސް އަންނަނީ މަޖިލީހަށް އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ