ދިރާގުގެ "ގޭމް ކުއެސްޓް އައްޑޫ އެޑިޝަން" ކާމިޔާބުކަމާއެކު ނިންމާލައިފި
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން "ގޭމް ކުއެސްޓް އައްޑޫ އެޑިޝަން"ގެ ނަމުގައި އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ ގޭމިން މުބާރާތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ދިރާގާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އިންތިޒާމްކުރި ގޭމްކުއެސްޓް އައްޑޫ އެޑިޝަން ކުރިއަށް ގެންގޮސްފައިވަނީމިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައެވެ. ދިރާގުން ބުނީ ދެ ދުވަހު ކުރިއަށްގެންދިޔަ މި މުބާރާތުގައި 100އަށް ވުރެ ގިނަ ގޭމަރުން ބައިވެރިވެފައި ވާކަމަށެވެ. މިއީ އައްޑޫ ސިޓީގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވައިފައިވާ މުބާރާތެއް ކަމަށް ދިރާގުން ބުނެއެވެ. "ގޭމް ކުއެސްޓް އައްޑޫ އެޑިޝަން"ގައި ވަނީ އީއޭއެފްސީ 25ގެ މުބާރާތެއް ބާއްވައ،ި ވަނަވަނަ ހޯދައިފައިވާ ގޭމަރުންނަށް ޖުމްލަ 10،000 ރުފިޔާގެ އިނާމު ދީފައެވެ. ދިރާގުގެ "ގޭމްކުއެސްޓް އައްޑޫ އެޑިޝަން" ކާމިޔާބުކަމާއެކު ނިންމާލައިފި -- ފޮޓޯ/ ދިރާގު އަދި މި މުބާރާތުގެ އިތުރުން ޖީޓީ7 ރޭސިން ސިމިއުލޭޝަން އެސްޓްރޮ ބޮޓް އަދި ވީއާރު ސިމިއުލޭޝަން ގޭމްތައް ކުޅޭ ފްރީ ސްޓޭޝަންތައް ހިމަނާފައި ވާނެ ކަމަށް ދިރާގުން ބުނެއެވެ. މި ގޭމްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ. ދިރާގުން ވަނީ "ގޭމް ކުއެސްޓް އައްޑޫ އެޑިޝަން"ގައި ބައިވެރިވި ގޭމަރުންގެ މެދުގައި ލަކީޑްރޯއެއް ނަގައި، ނަސީބުވެރި ހަތަރު ފަރާތަކަށް ފައިސާގެ އިނާމު ހަވާލުކޮށްފައެވެ. ދިރާގުގެ "ގޭމްކުއެސްޓް އައްޑޫ އެޑިޝަން" ކާމިޔާބުކަމާއެކު ނިންމާލައިފި -- ފޮޓޯ/ ދިރާގު ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ