ދިރިއުޅުމުގައި ކުރިމަތިވާނީ 2 ބާވަތެއްގެ ކަންކަމެވެ. އެއްބައި ކަންކަމަކީ އެކަމުން އަރައިގަތުމަށް މަސައްކަތްކުރުމުން ﷲ ތަޢާލާގެ ވާގިފުޅާއިއެކު އެކަމަކުން އަރައިގަނެވޭނެ ކަންކަމެވެ. އަނެއްބައި ކަންކަމުގެ މައްޗަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުހިންގޭނެ ކަންކަމެވެ.
ވިސްނައި ޤަބޫލުކުރަންވީ އަހަރެމެން އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ބައެއްގެ އެއްވެސް ބާރެއް ނެތްކަމެވެ. ހުރިހާ ބާރުތަކެއް ލިބިވިޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ.
މިސާލަކަށް ކެންސަރު ބައްޔަށްބަލާށެވެ! 4 ވަނަ ސްޓޭޖްގައިކަމަށް ޑޮކްޓަރުން ބުނާ އެތައް ނިކަމެތި ފަޤީރުންނަށް ދެވޭ ވަރަށް އާދައިގެ ފަރުވާގެ ސަބަބުން އެބަ ބަލިން ފަސޭހަވެއެވެ. ހުރިހާ ތަނަވަސްކަމެއް ލިބިގެންވާ މިލިއަނަރުން ބިލިއަނަރުން ފުރަތަމަ ސްޓޭޖުގައި ފަރުވާކުރަންފެށިނަމަވެސް ޙާލު ސީރިއަސްވެ ބަލިން ސަލާމަތް ނުވެވި ބަލީގައި އެބަ މަރުވެއެވެ.
ލޯބިވެރިންގެ ކައިވެންޏަށް ބަލާށެވެ! ނިކަމެތި ފަޤީރުން އަލަތު ކައިވެނިމަތީގައި ނުހަނު ލޯބިން ދިރިއުޅެ މުޅިހަޔާތް އެބަ ވޭތިކުރެއެވެ. ހުރިހާ ތަނަވަސްކަމެއް ލިބިގެން ތިބޭ މީހުންނަށް އެމީހުން އެންމެ ލޯބިވާ ބައިވެރިޔާ ގެއްލި އެކަމުގެ ހިތާމައިގައި މުޅި ޙަޔާތް ވޭތިކުރަން އެބަ ޖެހެއެވެ.
ދިރިއުޅުމުގެ ކޮނަމެ ކަމަކަށް ބެލިނަމަވެސް މިފަދަ އެތައް ބައިވަރު މިސާލުތައް ފެނިގެންދާކަން ޤަބޫލުކުރަންޖެހެއެވެ. ވީމާ ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ތިބާގެ ދައުރު ތިބާ އަދާކުރާށެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އެކަން ނުކުރެވޭ މީހާއަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.
އަދި ކީއްހެއްޔެވެ؟ މިފަދަ ކޮންމެ ކަމަކުން އަނގައިދެނީ މީސްތަކުންގެ ނިކަމެތިކަމެވެ. އެއްވެސް އާރެއް ބާރެއް ނެތް ބައަކު ކަމެވެ. ވީމާ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވުން އިތުރުކުރަން މަސައްކަތްކުރާށެވެ.
ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ކަންކަމުގެތެރެއިން ތިމާގެ އަމިއްލަ ބާރެއް ނުފޯރުވޭނެ ކަންކަން ކުރިމަތިވުމުން ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް ތިބާއަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެހެނީ އެއީ ﷲ ތަޢާލާ ދެއްވަވާ މެސެޖެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ތިމާގެ ނިކަމެތިކަން ޤަބޫލުކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމަށްވުރެ ފައިދާ ބޮޑު ގޮތެއް ހަމަ ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ