ޕާކިސްތާނުން ހަމަލާދެއް ދީފިނަމަ ދެން ރައްދު ދޭނީ ނޭވީއިން: އިންޑިއާ

ޕާކިސްތާނުން އިންޑިއާއިން ދެން އިތުރަށް ހަމަލާއެއް ދީފިނަމަ ރައްދުގައި އިންޑިއާ ކަނޑުގެ ސިފައިންގެ ހަތިޔާރުގެ ބާރު ދައްކާލާނެކަމަށް އިންޑިއާގެ ދިފާޢީ ވަޒީރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންހް މިހެން ވިދާޅުވީ ގޯއާގެ އައްސޭރިއާއި ދިމާލުން ބޭރުގައި އޮތް އިންޑިއާ ކަނޑުގެ ސިފައިންގެ އެއަރކްރާފްޓް ކެރިއަރ އައި.އެން.އެސް ވިކްރާންތުގައި ހުންނަވައި ވާހަކަ ދައްކަވަމުންނެވެ. ނިއުކްލިއަރ ހަތިޔާރު ހުރި މި ދެޤައުމުގެ މެދުގައި މިމަހުގެ ކުރީކޮޅު ހިނގި ކުރިމަތިލުންތަކަށްފަހު، ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވީނަމަވެސް އަދިވެސް މަސްރަހު ގޯހެވެ. މިމަހުގެ ކުރީކޮޅު އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގަމްއަށް ޕާކިސްތާނުގެ ހަނގުރާވެރިންގެ ބަޔަކު ވަދެ ދިން ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން، އެކަމުގެ ރައްދެއްގެ ގޮތުންނެވެ.
އިންޑިއާ ކަނޑުގެ ސިފައިން ބުނާ ގޮތުގައި ޕަހަލްގަމްއަށް ހަނގުރާމަވެރިން ހަމަލާދިނުމާއެކު 96 ގަޑިއިރުތެރޭ އުތުރު އަރަބި ކަނޑައަށް އިންޑިއާ ކަނޑުގެ ސިފައިންގެ މަނަވަރުތަކާއި ސަބްމެރިން އަދި މަތިންދާބޯޓުތައް ޖަމާކުރެވުނެވެ.
ރަޖްނާތު ސިންހް ވިދާޅުވީ ހަމަލާ ބަދަލުކުރުން މެދުކަނޑާލިއިރު އިންޑިއާގެ ސިފައިންގެ ހަގީގީ ބާރު ދައްކުވައިނުލެވޭކަމަށެވެ.
ޕާކިސްތާނާ އަޅާބަލާއިރު، އިންޑިއާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ހުރި ވަސީލަތްތައް ގިނައެވެ. އެގޮތުން ޕާކިސްތާނަށްވުރެ ދެގުނަ އިތުރަށް އިންޑިއާގައި ސަބްމެރިން ހުރިއިރު، އިންޑިއާގެ 2 ސަބްމެރިން އަކީ ނިއުކްލިއަރ ބެލެސްޓިކް މިސައިލް އުފުލާ ސަބްމެރިންއެވެ. އަދި އިންޑިއާގެ ނޭވީގައި 2 އެއަރކްރާފްޓް ކެރިއަރ އޮތުމަކީވެސް އެގައުމަށް ލިބޭ ކުރިއެރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ