މި އަހަރުގެ ޔޫކޭ-މޯލްޑިވްސް މަޝްވަރާތަކުން އެފްޓީއޭ އުނިކުރި ސަބަބު ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފި މި އަހަރުގެ ޔޫކޭ-މޯލްޑިވްސް މަޝްވަރާތަކުން އެފްޓީއޭ އުނިކުރި ސަބަބު ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފި

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ދިވެހި ސަރުކާރުން އިނގިރޭސިވިލާތާއެކު ބާއްވާ މަޝްވަރާތަކުން ރާއްޖެއިން އެ ގައުމަށް ބޭރުކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމާ ގުޅޭ ވާހަކަތައް މި އަހަރު އުނިކޮށްފައިވާތީ އެ ކަމުގެ ފަހަތުގައިވާ ސަބަބު ހާމަކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން މަޝްވަރާ ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ދެވަނަ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރެ އެވެ.
ބުދަ ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާ ނުކޮށް އިސްކަން ދިނީ އިނގިރޭސިވިލާތުން އިމިގްރޭޝަން ޕޮލިސީތަކަށް ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށާއި ވިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށެވެ.
"ފުރަތަމަ މަޝްވަރާތައް ނިމި، އިނިގިރޭސިވިލާތުގެ ސަރުކާރުން ވަނީ މި އެފްޓީއޭ އާ ގުޅޭގޮތުން އެ ގައުމުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް 8 ޖޫން 2023 ގައިހުޅުވާލާފައި. ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކުރެވިފައިވަނީ 2025 ގައި މި އެގްރިމެންޓް ތަންފީޒު ކުރުމަށް،" އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މަސްވެރި ސިނާއަތަށް އިންގިލާބީ ބަދަލެއް މި އެގްރީމެންޓުގެ ސަބަބުން ގެނެސްދޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެއާއެކު މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
ރާއްޖެއިން އެކްސްޕޯޓް ކުރާ ދަޅުމަހުގެ ބާވަތްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނައިން އެކްސްޕޯޓް ކުރަނީ އެ ގައުމަށެވެ. އެމްޑީޕީން ކުރި މަޝްވަރާތަކުން 2020 ވަނަ އަހަރު ޑިއުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް ކުޑަ ކުރިކަން އެ ޕާޓީން ފާހަގަކޮށްފައި ވެއެވެ.
ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ފުރަތަމަ މަޝްވަރާ ބައްދަލުވުން ބޭއްވީ ރައީސް ސޯލިހުގެ ވެރިކަމުގައި ފެބްރުއަރީ 20، 2023 ގަ އެވެ. އެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތުގައި ޓްރޭޑިން ޕާޓްނަރުންގެ ގޮތުގައި ދެ ގައުމު ހަރަކާތްތެރިވުމަށް ނިންމި އެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 ޕަސެންޓު ޓެކްސް ކަނޑައިލުމަށްޓަކައި މިދިޔަ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ.
އެކަމަކު މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރާއިރު، އެއީ މި ސަރުކާރުން އިސްކަން ދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ