ފިޔާޒުގެ މައްޗަށް އުފުލި ދައުވާގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި: ގާޒީ
ދައުލަތުން ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް އުފުލި ދައުވާގައި ގާނޫނީ ގޮތުން ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެއްޖެ އެވެ. ދައުލަތުން ފިޔާޒުގެ މައްޗަށް އުފުލާފައި ވަނީ "ޖެހުމު"ގެ ދައުވާ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގައި ގާޒީ ވަނީ ދައުލަތުގެ ވަކީލުންނާ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ. އެގޮތުން ދައުވާ ދަރަޖަކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ) ތިން ވަނަ ނަމްބަރުން ކަން ފާހަގަކޮށް، ޖެހުމުގެ ދައުވާކުރުމަށް ފަހު އެނަމްބަރުގެ ދަށުން ދަރަޖަ ކުރެވޭނެތޯ ގާޒީ ވަނީ ސުވާލު ކުރައްވައިފަ އެވެ. ފުލުހަކަށް އަނިޔާއެއްވެގެން ޖެހުމުގެ ދައުވާގެ ދަށުން ދަރަޖަ ކުރީ ކީއްވެތޯ ވަނީ ސުވާލުކޮށްފަ އެވެ. ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާ - ޖެހުން ދަރަޖަކުރުން (ށ) 1 - އަންނަނިވި ހާލަތުގައި މި ކުށަކީ، ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. (3) އެނޫން ހާލަތްތަކުގައި އެކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ފިޔާޒު ފުލުހެއްގައި ޖަހައިގެން އެ ފުލުސް މީހާ އަށް އަނިޔާވިކަން އެނަމްބަރުގެ ދަށުން ދަރަޖަކުރާއިރު ދައުލަތުން ޔަގީން ކުރަން ޖެހޭނެކަން ގަބޫލުކުރާ ކަމަށާއި އެކަމަށް އިތުރު ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ. ދައުލަތުން އެދުނު ގޮތަށް ގާޒީ ވަނީ ދައުލަތަށް އިތުރު ފުރުސަތު ދީފަ އެވެ. މައްސަލާގައި ދައުވާ އިއްވަން ފުރުސަތު ލިބޭނީ ދައުވާގައި ސުވާލު އުފެދޭކަންކަމަށް ޖަވާބު ލިބުމުން ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް އޮންނާނެ ދުވަހެއް އިއުލާނު ނުކޮށެވެ. ފިޔާޒުގެ މައްޗަށް އުފުލާފައިވާ "ޖެހުމު"ގެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާ އިރު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ގާޒީ އަށް އިހުތިޔާރު ލިބިގެންވެ އެވެ. ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާ - ޖެހުން (ހ) މީހެއްގެ ރުހުމަކާ ނުލައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ. އޭނާގެ ގައިގާ އަތްލުން ނުވަތަ އޭނާ އަށް އަނިޔާއެއް ކުރުން އޭނާ އަށް އެވަގުތު އަނިޔާއެއް ދީފާނެ ކަމުގެ ބިރުދެއްކުން މުލީއާގެ ކައިރިން ގޮވާޒާތުގެ އެއްޗެއް ފެނިގެން އެ ނުގޮވާގޮތް ހެދުމަށް ދުވާ ޓުރެކް ސަރަހައްދަށް ގެންދިޔަ ދުވަހު ފުލުހުން ވަނީ އެ ސަރަހައްދުން ފިޔާޒު ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. ބެލެވޭ ގޮތުން ފިޔާޒުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެމައްސަލައާ ގުޅިގެންނެވެ. ފިޔާޒުގެ އިތުރުން ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް އަދި ލީވާން އަދި ވީޑިއޯ ޖާނަލިސްޓް ޒަރީރުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. އެ ދެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ތުހުމަތާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ