ބަސް ޑްރައިވަރުން ހޯދުމުގެ އިންޓަރވިއު މިއަދު ހަވީރު: މުސާރަ 18،000 ގާތަށް

ބަސްދުއްވާނެ މީހުން ހޯދުމަށްޓަކައި މިއަދު ހަވީރު ވޯކް އިން އިންޓަރވިއުއެއް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ނިންމައިފިއެވެ.
މިއިންޓަވިއު އަކީ ދުރާލާ ހުށަހެޅުމެއް ނެތި، ކުންފުނިން ހުޅުވާލާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ.
މިއިންޓަރވިއު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް އެމްޓީސީސީގެ ހެންވޭރު ފެރީ ޓާމިނަލުގައެވެ. ބަސް ޑްރައިވަރުންގެ މުސާރައިގެ ގޮތުގައި އެމްޓީސީސީން ވަނީ 12،000 ރުފިޔާއާއި 18،000 ރުފިޔާގެ ދެމެދުގެ މުސާރައެއް ކަނޑައަޅާފައެވެ. މިވަޒީފާގައި ލިބޭ އިތުރު އިނާޔަތްތަކުގެ ތެރޭގައި މެޑިކަލް އިންޝުއަރެންސް، ޓްރެއިނިން އަދި ކެރިއާ ޑިވެލޮޕްމެންޓް ފުރުސަތުތައް ހިމެނެއެވެ. މި އިންޓަވިއުއަށް ދިއުމަށް ބޭނުން ވާނީ އައިޑީ ކާޑާއި، ބީ2 ލައިސެންސް އެކަންޏެވެ.
ބަސް ޑްރައިވަރުން ހޯދުމަށް ކުރިއަށްގެންދާ ވޯރކްއިން އިންޓަވިއުގައި ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. އެމްޓީސީސީން އާރްޓީއެލްގެ ބަސްތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ބަސް ޑްރައިވަރުން ހޯދަން ދޭތެރެއަކުން އިއުލާން ކުރެއެވެ.
އެމްޓީސީސީގެ ބަސްތައް އޮޕަރޭޓް ކުރުމުގައި އަންހެން ޑްރައިވަރުން ވެސް ހަރަކާތްތެރިވެއެވެ. މިއީ މިފަދަ ފުރުސަތެއް ރާއްޖޭގައި އަންހެނުންނަށް ހޯދައިދިން ފުރަތަމަ ފަހަރެވެ.
އެމްޓީސީސީން އަންނަނީ މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މާލެ ތެރޭގައިވެސް މިނީ ބަހުގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރަށް އަތޮޅުތެރޭގެ 3 ސަރަހައްދެއްގައިވެސް އެކުންފުނިން ބަހުގެ ޚިދުމަތް ދެމުން އާދެއެވެ. މިނީ ބަހުގެ ޚިދުމަތާއި މާލެއާއި ހުޅުމާލެއާ ދެމެދު ކޮންމެ ދުވަހަކުވެސް ބަހުގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި އަތޮޅުތެރޭގައިވެސް ދުވާލެއްގެ މައްޗަށް 700 އަށްވުރެ ގިނަ މީހުން ބަހުގެ ޚިދުމަތް ހޯދަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ