2018 ގައި ބުނީ ހުކުމެއްގައި ހުއްޓަސް ނަޝީދު ނޫން މީހެއް ނެތޭ، ޕާޓީއަށް ދެވަނަ ވެރިކަމެއް ހޯދީ ރައީސް ސޯލިހު: މޫކޭ

2018 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެވޭނަމަ އެހެން ކެނޑިޑޭޓެއް ވެސް ނެތްކަމަށް ބަޔަކު ގޮވަމުން ދަނިކޮށް ޕާޓީއަށް އިތުރު ދައުރެއް ހޯދައިދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާއިރު، އަންނަ މަހުގެ 23 ވަނަ ދުވަހު އެ ޕާޓީގެ ރިޔާސީ ޕްރައިމެރީ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަހުގެ 18 ގައި ޕާޓީގެ އިދާރީ މަސައްކަތްތަކަށް ފަހު، ޕްރައިމެރީއަށް އިއުލާނު ކުރުމުގެ ކުރިން ރައީސް ސޯލިހު ތާއީދު ފޯމުތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދެވިކަމުގެ ތުހުމަތުކޮށް މިއީ ތަބަކަށް ލައި ދިން ވެރިކަމެއްކަމަށް ބައެއް އެމްޑީޕީގެ މެމްބަރުން ވިދާޅުވެ އެވެ.
އިންތިހާބުގެ ވާދަވެރިކަން އުފެދި، ސަރުކާރުގެ އެތެރޭގެ ގިނަ ބަޔަކު ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ. އަދި ޗެއާޕާސަން އިންތިހާބާއި ފަހަކަށް ޖެހެން ދެން ރައީސް ނަޝީދުގެ އަރިސް މެމްބަރުންގެ ގޮތުގައި ތިބި ބައެއް މެމްބަރުން ވަނީ، ސަރުކާރަށް ތާއީދު ކުރާކަމަށް އިއުލާނުކޮށް ރައީސް ސޯލިހަށް ކެމްޕެއިން ފަށާފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ބޭނުންފުޅުވާތީ، ރައީސް ސޯލިހު އިސްވެ ހުންނަވައި ޕާޓީގެ ރައީސް ބޭރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި އަދި އެމަނިކުފާނަށް ވޯޓު ދޭނެހެން ހީވާ މެމްބަރުން ދަފްތަރުން އުނިކުރިކަމަށް މެމްބަރުން ވިދާޅުވެ އެވެ.
ޕާޓީ އަތުލައި، ބާކީކޮށްފައިވާކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި މޫކޭ ވިދާޅުވީ އެމްޑީޕީ މިހާ ހިސާބަށް ގެނައުމަށް 17 އަހަރު ވަންދެން ކުރި މަސައްކަތް އެއްވެސް މީހެއްގެ ހަނދާނުން ފޮހިވިފައި ނުވާކަމަށެވެ. ރައީސް ސޯލިހުގެ ތާއީދުގައި ނިކުމެ، އެމަނިކުފާނަށް އިތުރު ދައުރެއް ހޯދައިދޭން ބައެއް މެމްބަރުންނާއި ވަޒީރުން ފެއްޓެވުމުން އެބޭފުޅުންނަށް އަމާޒުކޮށް ފާޑުކިޔަން ޖެހޭ ސަބަބަކާއި މެދު އޭނާ ސުވާލު އުފެއްދި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ރައީސް ނަޝީދަށް ކުރި ތާއީދު އަނބުރާ ގެންދަވައި ސަރުކާރަށް ތާއީދުކޮށް ރައީސް ސޯލިހުގެ ކެމްޕެއިނުގައި ބައިވެރިވުމުން އެއީ ވިކުންކަން ލޭބަލް ކުރިކަން ފާހަގަކޮށް މޫކޭ ވިދާޅުވީ އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވެސް ކުރިމަތިލާން ޖެހުނީ ހަމަ އެފަދަ ހާލަތަކާއި ކަމަށެވެ. އަދި ހެލްތް މިނިސްޓަރު އަހުމަދު ނަސީމަކީ ބައެއް މެމްބަރުންނަށް އެއްވެސް ބާރެއް، އަދި ސިޔާސީ ގޮތުން ތަޖުރިބާއެއް ހުރި ބޭފުޅަކަށް ވެސް ނުވިކަމަށް މޫކޭ ވިދާޅުވި އެވެ. ބަޔަކު ދެކުނީ އެއީ ކާން ދިން އަތުގައި ދަތް އެޅުން ގޮތުގައި، އެއީ މަގާމަށްޓަކައި ނުވަތަ ވަޒީފާ އާއި އާއިލާގެ މަސްލަހަތު ދިފާއު ކުރުންކަމަށް ބައެއް މީހުން ބުނަމުންދާކަމަށް މޫކޭ ވިދާޅުވި އެވެ.
މޫކޭ ވިދާޅުވީ އެމްޑީޕީއަށްޓަކައި އެތައް ގުރުބާނީއެއް ވެ، ޖަލަށް ދާން ވެސް ތައްޔާރަށް ތިބީ އެބޭފުޅަކަށްޓަކައި ގުރުބާނީ ވުމުން، ބަދުނާމުވާ ފަދަ ބަސްތައް އަމާޒު ކުރާނެކަމަށް ހީކޮށް ނޫން ކަމަށެވެ.
އަބަދަކު އެއްގޮތަކަށް ތިބެން ނުޖެހޭކަމަށާއި އެކެއްގެ ފަހަތުން އުޅެން ނުޖެހޭކަމަށް ދަސްކޮށް ދިނީ ވެސް އެމްޑީޕީގެ ތެރެއިންކަން ފާހަގަކޮށް މޫކޭ ވިދާޅުވީ، ރައީސް ނަޝީދުގެ އަތުން ޕާޓީ ޖަހައިގަތުމަށް ކުރާ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ.
2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަންތައް ހިނގައިދިޔަ ގޮތް ހިއްސާކޮށް މޫކޭ ވިދާޅުވީ އޭރު ރައީސް ނަޝީދު ހުންނެވީ ހުކުމެއްގެ ސަބަބަބުންކަމަށްވުމާއި އެކު އެމަނިކުފާނު ހުންނެވީ އިންތިހާބުގައި ވާދަ ކުރެވޭ ގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް ގޮތް ދޫނުކޮށް އިންތިހާބުގައި ވާދަ ކުރުމަށް މަސައްކަތް ކުރީކަމަށާއި، އަމާން ދިނުން ނޫން އިތުރު ގޮތެއް ނެތްކަން އެނގުމާއި އެކު ދެން ވިދާޅުވަމުން ގެންދެވީ އިތުރު ކެނޑިޑޭޓެއް ދެން ނެތްކަމުގެ ވާހަކަތައް ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ވެރިކަމެއް އަލުން އިޔާދަކޮށްދެއްވި ބޭފުޅަކީ ރައީސް ސޯލިހުކަމަށް މޫކޭ ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ނިކުންނަން ޖެހޭ ސަބަބަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުން އުޅެން ޖެހުނީ ދަތި އުނދަގުލާއި، ބައެއްގެ ގަނާ އާއި ފުރައްސާރައިގެ ތެރޭގައިކަން ފާހަގަކޮށް މޫކޭ ވިދާޅުވީ މިއީ މިއަދު ދައްކަން ޖެހޭ ވާހަކައެއް ކަމަށެވެ. ސަރުކާރަށް ތާއީދު ކުރަނީ އަސްލު އެމްޑީޕީ މެމްބަރުން ނޫންކަމަށް ބުނެ ކިތަންމެ ބޮޑެތި ތުހުމަތެއް ކުރި ނަމަވެސް، އެ މެމްބަރުންނަކީ ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އަހަރުތަކެއް ވަންދެން މަގުމަތީ އުޅުނު މީހުންނަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ