މަގާމުގައި އެންމެ ގިނަ ދުވަސްވީ އިންޑިއާ ބޮޑުވަޒީރަކަށް މޯދީ: ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

މަގާމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހުންނެވި އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ލިބިވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ދަންނަވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރެއްވި ބޭފުޅާގެ ޝަރަފު މިއަދު މޯދީއަށް ލިބިވަޑައިގަތުމާ ގުޅިގެން ރައީސް މުއިއްޒު މަރުހަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި، ސިޔަދަތީ ހަމަހަމަކަމާއި، ގަބޫލުކުރާ އެއްގޮތް ހަމަތަކުގެ މަތިން އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މޯދީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރެއްވީ އޮގަސްޓް 15، 1947 އިން މެއި 27، 1964 އަށް އެ މަގާމުގައި ހުންނެވި ޖަވާހަރްލާލް ނެހްރޫއެވެ. އިންޑިއާ މިނިވަންވުމަށްފަހު އިންތިހާބަކާ ނުލައި މަގާމާ ހަވާލުވެވަޑައިގަތް ނެހްރޫ 16 އަހަރާއި 286 ދުވަހު އެ މަގާމުގައި ހުންނެވިއެވެ.
ނަމަވެސް، އިންޑީއާގައި ފުރަތަމަ ފަހަރަށް އާންމު އިންތިހާބެއް ބޭއްވި ފަހުން ނެހްރޫ އިންތިހާބުވެވަޑައިގެން މަގާމުގައި ހުންނެވީ 4398 ދުވަހުއެވެ. ނެހްރޫ އަވަހާރަވީ ވެސް މަގާމުގައި ހުންނަވަނިކޮށެވެ.
މިއަދު ނެހްރޫގެ ރެކޯޑު ފަހަނައިއަޅައި މޯދީ ވަޑައިގެންނެވީ، އެމަނިކުފާނު މަގާމުގައި ހުންނެވި ދުވަސްތަކުގެ އަދަދު 4399 އަށް އެރުމުންނެވެ. މެއި 26، 2014 އިން ފެށިގެން އަދިވެސް މަގާމުގައި ހުންނެވި މޯދީއަކީ ފަހުގެ ތާރީހުގައި ފެނިގެން ގޮސްފައިވާ އިންޑިއާގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ