ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުއްވުމަށް މައުމޫނު ވިސްނަވަނީ!

ކުރީގެ ރައީސް މައުމޫން އަބްުދުލް ޤައްޔޫމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު ރައީސް މައުމޫން ވިސްނަވާ ވަޑައިގަންނަވަމުން ގެންދަވާކަން ހާމަކޮށްފިއެވެ.
ރައީސް މައުމޫނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، 13 އޮގަސްޓް 2025 ވަނަ ދުވަހު އޮންލައިން ނޫހެއްގެ ޕްރޮގްރާމެއްގައި، 2018 ވަނަ އަހަރު ފެބްރުއަރީ މަހު ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން ޖެހުނު ސަބަބުކަމަށް ވިދާޅުވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކަވާފައިވާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސް މައުމޫން ހައްޔަރު ކުރަންޖެހުނު ސަބަބަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުންކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވާހަކަ ދައްކަވާފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް މައުމޫނުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، އެއީ ރައީސް މައުމޫނުގެ ނަން ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވި ކޯޓު އަމުރަކީ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްއާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް ޢަމަލެއް ރައީސް މައުމޫން ދުވަހަކުވެސް ކުރައްވާފައި ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، އެއްވެސް އިރެއްގައި ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ ކަމަކާއި ހަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައި ނުވާނެކަމަށް ވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމަޢުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު ރައީސް މައުމޫން ވިސްނަވާ ވަޑައިގަންނަވަމުން ގެންދަވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް މެސެޖެއްވެސް ވަނީ ދެއްވާފައެވެ. އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް ޢަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައިނުވާނެ ކަމުގެ ޔަޤީންކަމެވެ.
ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު މައްސަލަތައް ދިމާވީ ރައީސް ޔާމީނުގެ ވެރިކަމުގައި އެ ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި ފާޅުކަން ބޮޑު ގޮތެއްގައި ފޯރަމްތަކާއި ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ފިކުރާ ދެކޮޅު ވާހަކަތައް ދައްކަވަމުން ގެންދެވާ ކަމަށް ބުނެ މައުމޫނު ޕީޕީއެމްއިން ވަކި ކުރި ހިސާބުންނެވެ.
އޭރު ރައީސް މައުމޫނު ވަނީ ޤާނޫނާއި ހަމަޔާއި އިންޞާފުގެ ބޭރުން ސަރުކާރުން ސިޔާސީ ވާދަވެރިންނަށް އެކި ގޮތްގޮތުން ދަތިކޮށް، ފުލުސް އޮފީހަށާއި ކޯޓުތަކަށް ރެއާއި ދުވާލު ގެންގޮސް، ގޭގައި ނުވަތަ ޖަލުގައި ބަންދުކޮށް، އެކިއެކި ބޮޑެތި އަނިޔާތައް ދެމުން ގެންދާކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ