ހާއްސަ މަޖިލީހުގެ މެންބަރު ރާމިޒު އަވަހާރަވެއްޖެ

ގާނޫނުއަސާސީ އެކުލަވާލަން އުފެއްދި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މުހައްމަދު ރާމިޒު އަވަހާރަވެއްޖެ އެވެ. 
އުމުރުން 74 އަހަރުގައި އަވަހާރަވި ރާމިޒުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާމިޒު އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. 
ރާމިޒަކީ ހާއްސަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ގއ. އަތޮޅު މެންބަރުގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ކަންކަމުގައި ވެސް ކުރިން އިސްކޮށް އުޅުއްވި ރާމިޒު، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އުފެއްދެވި ޑީއާރްޕީގެ ނައިބު ރައީސްކަން ވެސް ކުރެެއްވި އެވެ. ނަމަވެސް، ސިޔާސީ މައިދާނާ ދުރަށް ވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. 
ރާމިޒަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް ފާހަގަކޮށްލެވޭ ނަމެކެވެ. އަދި މީހުން އޭނާ ސިފަ ކުރަނީ ނިކަމެތިންނަށް އެހީ ފޯރުކޮށްދިން، ހިތްހެޔޮ ބޭފުޅެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ