އޯ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ ދިހައެއްގައި ހިންމަފުށީ ސްކޫލްގެ ދަރިވަރަކު ހިމެނިއްޖެ ނަމަ ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ހިންމަފުށީ ކައުންސިލްގެ މެމްބަރު އަހުމަދު ސިރާޖު މިއަދު ވިދާޅުވީ ފައިސާގެ އިނާމު ދޭނީ މި އަހަރުން ފެށިގެން އޯ ލެވެލް ހަދާ ދަރިވަރުންނަށް ކަމަށެވެ. ގާތްގަނޑަކަށް 200 ދަރިވަރުން ތިބި ސްކޫލްގެ ގްރޭޑް 10 ގައި މިވަގުތު ކިޔަވަނީ އެންމެ ފަސް ކުދިންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ފައިސާގެ އިނާމު ހުށަހެޅުމުގެ ބޭނުމަކީ ތައުލީމީ ދާއިރާއިން ކާމިޔާބު ދަރިވަރުންތަކެއް އުފެއްދުމެވެ. އަދި ފައިސާގެ އިނާމު ދޭން ފެށުމުން ދަރިވަރުންނަށް ހިތްވަރެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
ގަދަ ދިހެއްގައި ހިމެނޭ ދަރިވަރުންގެ އިތުރުން ފަސް މާއްދާއިން ފާސްވާ ކޮންމެ ދަރިވަރަކަށް 10،000ރ. ގެ އިތުރުން ދަރިވަރާއި އިތުރު ތިން މީހަކަށް ރިސޯޓެއްގައި އެއް ދުވަހު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ކައުންސިލުން ދޭން ވަނީ ނިންމައިފަ އެވެ.
ސިރާޖު ވިދާޅުވީ މާއްދާއަކުން ދަރިވަރުންނަށް 65 ޕަސެންޓް މާކްސް ހޯދައިދޭ ޓީޗަރަކަށް އިނާމެއްގެ ގޮތުން 5،000ރ. ދޭން ހަމަޖައްސާފައިވާ ކަމަށެވެ.
މިހާރު"އާ ވާހަކަދައްކަވަމުން ހިންމަފުށީ ސްކޫލްގެ ޕްރިންސިޕަލް އުއްމު ސަލްމާ ވިދާޅުވީ ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި އެ ސްކޫލުގެ އެއްވެސް ދަރިވަރަކު އޯލެވެލްގެ ފަސް މާއްދާއިން ފާސްވެފައި ނުވާ ކަމަށެވެ. އެހެންކަމުން ރަށު ކައުންސިލާ ވާހަކަދައްކައިގެން ނިންމި ނިންމުމުގެ ސަބަބުން "ޒީރޯ" ކަނޑާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނުވަ އަހަރު ވެއްޖެ މި ސްކޫލުގެ ނަތީޖާ ޒީރޯގައި ހުންނަތާ. ފަސް މާއްދާއިން ވެސް ފާހެއް ނުވޭ. އެހެންވެ މި ފަހަރު މި އުއްމީދުކުރަނީ އެ ޒީރޯ ކަނޑާލެވޭނެ ކަމަށް،" އުއްމު ވިދާޅުވި އެވެ.
ހިންމަފުށީ ސްކޫލް ދަރިވަރުންނަށް ހިތްވަރެއް، ބައި ލައްކަ ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ