ހުވަޔާ ތަރުޒްވާގޮތަށް މަގާމްގައި ބޭތިއްބުމަކީ ކުރެވޭނެ ކަމެއްނޫން.

ކޯލިޝަނަކުން ވެރިކަން އުފެއްދުމަކީ އާކަމެއް ނޫނެވެ. އާކަމަކީ ކޯލިޝަން ދެމެހެއްޓުމާއި، އެއް ކޯލިޝަނެއްގައި ވާދަވެރި ރިޔާސީ 2 ކެންޑިޑޭޓުން ތިބުމެވެ. މިހާރު މިއުޅެނީ މިބުނި އާގޮތްވާތީއެވެ.
ކެބިނެޓާ އެހެނިހެން ސިޔާސީ މަގާމް ތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި އެތިއްބެވި ބޭފުޅުންނަކީ އެކި ޕާޓީގެ އެކި ލީޑަރުން ދެއްކެވި އެކި މީސް މީހުންނެވެ. އެހެން ނަމަވެސް އެ މީހުން ކޮށްފައިވާ ހުވަޔާ ވެފައިވާ އިގްރާރާ ހިފާފައިވާ އަހުދު ކަށަވަރަކީ ގާނޫނު އަސާސީއާ ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ދައުލަތް ފިޔަވާ ވަކި ޕާޓީ އަކާ، ލީޑަރަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ބާތިލް އިލާހުން ތަކަކީ ތިޔަ ބައިމީހުންނާއި ތިޔަ ބައިމީހުންގެ ކާބަފައިން ކިޔައިގެން އުޅޭ ނަންތަކެކޭ ކީރިތި ގުރްއާންގައި ވެސް އޮވެއެވެ. 
ހަމަ އެގޮތަށް ކޯލިޝަނަކީ ވެސް އަމިއްލައަށް ކިޔައިގެން އުޅޭ ނަމެކެވެ. ގާނޫނު އަސާސީ ދައްކާ އިންތަކާ މިންތަކުގެ ބޭރަށް ގޮސްގެން ތިމާގެ ސިޔާސީ މަގާމުގައި ދެމިހުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ގާނޫނީ ވެރިކަމެއް ދަމަހައްޓާ ނަމަ އެއްވެސް މީހަކަށް އެޖާގަ ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް އޮތް އިޚްތިޔާރެއް ވެސް ނޫނެވެ. ކޯލިޝަން އެއްބަސްވުން އޮތީ 5 އަހަރަށޭ ވިދާޅުވެ ފިޝަރީޒް މިނިސްޓަރ ކުރައްވާފައިވާ ގާނޫނީ ހުވަޔަކާ ހިލާފުވެ ވަޑައެއްނުގެންނެވޭނެއެވެ. ވަޒީރުން ކުރާ ގާނޫނީ ހުވާ މިތަނުގައި މިއޮތީ އެވެ.
މީގައި އެ ބުނާ ކޯލިޝަނާއި، ތިމާ ހުރި ޕާޓީއާއި އެ ޕާޓީގެ ލީޑަރުގެ ވާހަކައެއް ނެތެވެ. ހިނގަ ހިނގާ އޮތް ރިޔާސީ ދައުރެއްގައި ރައީސުލްޖުމްހޫރިއްޔާ އާ ވާދަވެރި އެހެން ރިޔާސީ ކެންޑިޑޭޓަކަށް ތިމާގެ ތެދުވެރިކަން ހުސްކޮށްލަން ވާނީ ތިމާ ހުރި ވަޒީރުކަމުގެ ގޮނޑި ހުސްކޮށްފައެވެ. ދައުލަތް ނޫން ފަރާތަކަށް ދީލާލާ ވަޒީރެއްގެ ގޮނޑި ހުސް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ވާޖިބެކެވެ.
ވަޒީރުން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބެނީ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ވަޒީރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރުންމަތީ ދެމި ހުރުމަށެވެ. ވަޒީރުކަމަށް ނަންހުށަހެޅި ޕާޓީ ލީޑަރަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރުންމަތީ ދެމި ހުރުމަކަށް ނޫނެވެ. 
ވަޒީރަކަށް ވުމަށްފަހު ރައީސުލްޖުމްހޫރިއްޔަނޫން އެހެން ފަރާތެއްގެ މަސްލަހަތުގައި މަސައްކަތްކުރުމަކީ ހުވަޔާ ހިލާފުވުމެވެ. ކަމަކީ ވެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ. ވަޒީރުންގެ ވާޖިބުތަކާއި މަސްއުލިއްޔަތުތަކަށް ބަލާލުމުން އެކަން ވަރަށް ރަގަނގަޅަށް ސާފުވެއެވެ. 
ގާނޫނު އަސާސީގެ 132 ވަނަ މާއްދާއަށް އެކަނި ބަލާލިޔަސް ރައީސުލްޖުމްހޫރިއްޔާއާއި ވާދަވެރި ސިޔާސީ މަސައްކަތެއް ވަޒީރަކަށް ހުރެ ނުކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ އެ މީހަކާ ޙަވާލުކުރާ އެންމެހައި މަސްއޫލިއްޔަތުތައް އިޚްލާޞްތެރި ކަމާއި ތެދުވެރި ކަމާއެކުއަދާކުރާންވާނެ ކަމަށް އެމާއްދާ ބުނެއެވެ. 
ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އެހީތެރިވެ ދިނުމާއި، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ސަރުކާރު ހިންގުމުގެ ހުރިހައި ދާއިރާތަކެއްގައި ވެސް އެ ސިޔާސަތުތައް ތަންފީޛުކޮށް، ހިނގާނުހިނގާގޮތް ބެލުމަކީ ވަޒީރުކަމުގައި ހުންނަ މީހަކަށް ގާނޫނު އަސާސީ ލާޒިމުކުރާ ކަންކަމެވެ. ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި ، އެހީތެރިވެ ދޭން ހުންނަ މީހާ ވާދަވެރި ރިޔާސީ ކެންޑިޑޭޓެއްގެ ސިޔަސާތު އެކަށައެޅުމުގައި ބައިވެރިވެ އެއްބާރުލުން ދިނުމަކީ އިހުލާސްތެރިކަމެއް ތެދުވެރިކަމެއް ނެތުމެވެ.
ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި ، އެ މަސައްކަތްތައް މުރާޖަޢާކުރުމާއި ، ވިލަރެސްކުރުމަކީ ވަޒީރުންގެ މަސްއޫލިއްޔަތެވެ. ވަޒީރެއްގެ ގޮތުން ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި ، އެ މަސައްކަތްތައް މުރާޖަޢާކުރުމާއި ، ވިލަރެސްކުރަން ޖެހޭމީހާ އެހެން ވާދަވެރިއަކު ޕްރަމޯޓުކޮށް ތިމާ ބައިވެރިވާ ސަރުކާރުގެ ބަަލިފައި ހޯދާދީ ވާދަވެރިޔައަކަށް ކަންފަހިކޮށް ދިނުމަކީ އަމިއްލަ ނަފްސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހަރަންކޯރުވުމެވެ. ކަނދައެޅިގެން ގާނޫނ އަސާސީއާއި ހިލާފުވުމެވެ. 
ކޮންމެ ވަޒީރަކުމެ އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާގުޅޭ ގޮތުން، އޮމާންކަމާއެކު ކަންތައްތައް ހިންގުމަށް ސަރުކާރާއި ދައުލަތުގެ އެހެން ބާރުތަކާ މެދު ބާއްވާންޖެހޭ ގުޅުންތައް ބާއްވައި އެ ގުޅުންތައް ދެމެހެއްޓުން ވަޒީރުނަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ. ކޮންމެ ވަޒީރަކުމެ އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާގުޅޭ ގޮތުން، އޮމާންކަމާއެކު ކަންތައްތައް ހިންގުމަށް ގާނޫ އަސާސީ ބުނާއިރު ރައީސުލްޖުމްހޫރިއްޔާގެ ވާދަވެރިއަކަށް މަދަދާއި އެހީތެރިކަން ދިނުމަކީ ކަންކަން އޮމާންކޮށް ގެންދިޔުމަށް އިދިކީލިވުމެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީގޮތުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކުރާންޖެހޭ ކަންކަން މުރާޖަޢާކޮށް ވިލަރެސްކުރުމަކީ ވަޒީރުންނަށް ޒިންމާއެވެ. ސިޔާސީ، އިގުތިސާދީ އަދި އިޖްތިމާއީގޮތުން ރައީސާއި ނޭންނގާނިވެގެން ވާދަކުރަން ނިކުންނަ މީހަކާއެކީ އޭނާގެ ގޮތް ކުރިއަށް ނެރެގެން އުޅުމަކީ ގާނޫނު އަސާސީއަށް ގޮންޖެހުމެވެ. 
ޤާނޫނުގެ ވެރިކަން ޙިމާޔަތްކޮށް ކުރިއެރުވުމާއި ، ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ ޢާންމު ފައިދާ ރައްކާތެރި ކުރުމަށް މަސައްކަތްކުރަން ވެސް ވަޒީރުންނަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ.
ސިޔާސީ ގޮތުން ރައީސާ ވާދަކުރާ ވާދަވެރިއަކަށް މަސައްކަތްކޮށް ދޭ ވަޒީރަކީ ވަޒީރެއް ނޫނެވެ. ވަޒީރުކަމުގެ ގާނޫނީ ސައްހަކަމެއް އެނާގެ ކިބައިގާ ނުހުންނާނެއެވެ.
ނަހުލާއާއި ޑރ. ހުސައިނާއި ޑރ. މައުސޫމު ވިޔަސް ތަފާތެއް ނެތެވެ. އެ މީހަކު އަމިއްލައަށް ހުންނަންވީތަން ކަނޑައަޅާ ރޮނގު ދަމާލަން ޖެހެއެވެ. މާތް ﷲ ގަންދީ ކުރި ހުވާގެ މަތީގައި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިއެއްގެ ގޮތުގައި ދެމިހުންނާނީތޯ ވާދަވެރިޔާގެ ފަހަތަށްޖެހި ރައީސާ ވަދަކޮށްލަން ނިކުންނާނީތޯ ނިމަންޖެހެއެވެ. ހެނދުނު ބޮޑުދޮނާ ތެދުވެ ޓައީ އަޅައިގެން ނިކުމެ ކެބިނެޓްގައި އިދެފައި ރަސްމީ ގަނޑިނިމުމުން ނިކުމެ ވާދަވެރިކެންޑިޑޭޓް ކޮނޑަށް ލައިގެން ސަރުކާރަށް ފާޑުކިޔާ އިދިކީލި ވަނީތޯ ނިންމަން ޖެހެއެވެ.
އިދިކޮޅަށް ކުޅެން ނިކުންނައިރު ލަދެއް ހަޔާތެއް ހުރިނަމަ ވަޒީރުން އަމިއްލައަށް ވަޒީރުކަމުން އިސްތިއުފާ ދޭންޖެހެއެވެ. އިސްތިއުފާ ނުދީފިނަމަ ވަކިވެސް ކުރަން ޖެހެއެވެ. މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެންވެސް އެފަދަ މީހުން ކެބިނެޓުން ބޭރުކުރަން ޖެހެއެވެ. ގާނޫނު އަސާީގެ 115 ވަނަ މާއްދާއިން ބާރުލިބިގެން ރައީސް އުފައްދަވާފައިވާ ސިޔާސީ މަގާމުތަކުގައި ތިބި އެންމެންނަށްވެސް އޮތީ މިހުކުމެވެ. ސިއްޕެއެއް އަލީ ސާލިހެއް ހަނަފީއެއް ސްމިތެއް ޖެނިފާއެއް ކިޔާނެކަމެއްނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ