ރައީސް އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްލަކިން

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނީ އެއްލަކިން ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އިއްޔެ ވަނީ ހއ. އަތޮޅުގެ އެކި ދާއިރާތަކުގެ އެމްޑީޕީގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުންތަކަށްފަހު ޝާހިދު ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެންމެން ވެސް ތިބީ އަތުކުރި އޮޅާލައިގެން ކަމަށާއި އިންތިހާބު ރައީސް ކާމިޔާބު ކުރައްވާނީ ބޮޑުތަނުން އަދި ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ.
"ރައީސް ޞާލިހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްލަކިން." ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ.
ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އެމްޑީޕީގެ ތެރޭގައި ހަދާފަ އެވެ.
އެ ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު މިހާރު ވަނީ އެމްޑީޕީން ވަކިވެފަ އެވެ. އަދި އެ މެމްބަރުން މިހާރު ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައި ޕާޓީ ރަޖިސްޓްރީކުރަން 3،000 މެމްބަރުންގެ ފޯމު އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.
އެ ޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ