އެއާޕޯޓުގެ ކުރީގެ ޓާމިނަލް ކައިރިން ޓެކްސީ ނެގޭ ގޮތް ހަދައިފި
ދަތުރުވެރިންގެ ކަންބޮޑުވުންތަކާއެކު ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފި އެވެ.އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ގެނައި ބައެއް ބަދަލުތަކާ ގުޅޭ ގޮތުން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ޓާމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން އެ ޓާމިނަލްގެ ކުރިމަތިން ފަސިންޖަރުންނަށް ޓެކްސީތަކަށް އަރައިފޭބޭނެ ގޮތް ހަދާފައިވާ ކަމަށެވެ. އެމްއޭސީއެލުން ބުނީ އެ އިންތިޒާމުގެ ދަށުން ޓާމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ހާއްސަކޮށްފައިވާ ސަރަހައްދު ކަމަށެވެ. އެ ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ޓްރެފިކަށް ގެނައި ބަދަލަށް އަހުލުވެރިކޮށް، ޓްރެފިކް ފްލޯ މެނޭޖްކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.ވީއައިއޭގެ ޓާމިނަލް 1 ހުޅުވުމަށް ފަހު ޓެކްސީ ކިޔު ޓާމިނަލް 1 ކައިރިއަށް ބަދަލު ކުރުމުން ޑޮމެސްޓިކް ފަސިންޖަރުންނަށް ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ގިނަވި އެވެ. ޓްރެފިކަށް ބަދަލު ގެނައީ މި ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ