"ފުލުހުންނާހެދި މީހަކަށް އަނިޔާވި ވާހަކައަކީ ދޮގެއް، ރޭ ބާރުގެ ބޭނުމެއް ނުވެސް ކުރަން"

ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ ފުލުހުން އެޅި ފިޔަވަޅެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ޔަގީންކޮށްދެއެވެ. މީގެ އިތުރުން ފުލުހުން ބުނީ، ސޯޝަލް މީޑިއާގައާއި ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކާ ޚިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން އެއްވެސް މިންވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި އެ މީހާއަށް ދިމާވި ހާދިސާއަކީ ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫން ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކުރަމުން، ފުލުހުން ވަނީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ. މިހާރު އެމްޑީޕީން ގެންދަނީ ކޮންމެ ރެޔަކު މާލޭގައި އިހުތިޖާޖުކުރަމުންނެވެ. ރޭ މާލޭގައި ކުރިއަށްދިޔަ އިހުތިޖާޖުގައި ވެސް ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ