ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ އޯޕަން ކެޓަގެރީގެ ސިންގަލްސް ޗެމްޕިއަންކަން އިބްރާހިމް ހުޖާން ހޯދައިފިއެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި މިރޭ ކުޅުނު އޯޕަން ކެޓަގެރީގެ ސިންގަލްސް އިވެންޓް ހުޖާން ކާމިޔާބުކުރީ ފައިނަލުގައި ޚާތިމް ޚަލީލް އާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެގޮތުން މިމެޗުގެ ދެސެޓް ވެސް ހުޖާން ކާމިޔާބުކުރީ 11 ޕޮއިންޓްގެ ލީޑަކާއެކު 14-25 ގެ ނަތީޖާއަކުންނެވެ.
މިއީ މިމުބާރާތުގެ އޯޕަން ކެޓަގެރީގެ ސިންގަލްސް ޗެމްޕިއަންކަން ހުޖާން ހޯދި ދެވަނަ ފަހަރެވެ. އެގޮތުން. 2024 ވަނަ އަހަރު ބޭއްވުނު 11 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ އޯޕަން ކެޓަގެރީގެ ސިންގަލްސް ޗެމްޕިއަންކަން ހުޖާން ހޯދާފައިވާއިރު، މިދިޔަ އަހަރު ގައުމީ މުބާރާތް ވެސް ކާމިޔާބުކުރީ މިވަގުތު ރާއްޖޭގެ ކެރަމް ރޭންކިންގެ އެއްވަނަ ކުޅުންތެރިއާ އިބްރާހިމް ހުޖާން އެވެ.
އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ މިމުބާރާތުގެ އޯޕަން ސިންގަލް އިވެންޓްގައި ޖުމްލަ 37 ކުޅުންތެރިން ވާދަކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ 10 އަންހެން ކުޅުންތެރިންނާއި 27 ފިރިހެން ކުޅުންތެރިންނެވެ.
ސިންގަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދިޔަ މިއިވެންޓްގެ ފައިނަލު ހުޖާން ޖާގާ ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އިސްމާއިލް އަޒްމީން ބަލިކުރުމަށްފަހު އެވެ. އަދި މިއިވެންޓްގެ ފައިނަލުން ޚާތިމް ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އަހުމަދު ހާމިދު ބަލިކުރުމަށްފަހު އެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު ޚާތިމް ބަލިކޮށް އޯޕަން ސިންގަލް ޗެމްޕިއަންކަން ހުޖާން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ