ބީއެމްއެލްއިން އިތުރު 364 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލޭގައި ގާއިމްކުރާ "އެފޯޑަބަލް ހައުސިން"ގެ އިތުރު 364 ހައުސިން ޔުނިޓުގެ ބިންގާ މިރޭ އަޅައިފިއެވެ. އެކަމަށް ޚާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. މިރޭ ބިންގާ އެޅިގެންދިޔަ 364 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރއިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެކެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫގެ ދަށުން ޖުމްލަ ދެ ޓަވަރު އިމާރާތްކުރާއިރު، އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކެވެ. އެތަންތަނުގެ ޖާގައިގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އިން ޖުމުލަ 3،260 ހައުސިން ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައި ވާއިރު، އެ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި މި މަޝްރޫގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ތިން ކޮޓަރީގެ ކޮލިޓީ ރަނގަޅު އެޕާޓްމެންޓުތައް ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ދަށުން އިތުރު 540 ފުލެޓު އަޅަން ނިންމާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ