ހަނގުރާމަ ހުއްޓާލި ފަހުން އިޒްރޭލުން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް؛ 30އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިޒްރޭލުގެ އަސްކަރިއްޔާއިން އިއްޔެ ގާޒާއަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި މަދުވެގެން 32 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އަދި މީހުން ސަލާމަތްކުރާ އިދާރާތަކުން ބުނެފި އެވެ.
އޭގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން އަންހެން ކުދިން ވެސް ހިމެނެ އެވެ.
މިއީ އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން، އިޒްރޭލުން ދިން އެންމެ ނުރައްކާތެރި ހަމަލާތަކެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ދައުވާކުރާ ގޮތުގައި، މި ހަމަލާތަކަކީ އޭގެ ކުރީ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހަމާސްއިން ހިލާފުވުމާ ގުޅިގެން ދިން ރައްދު ހަމަލާތަކެކެވެ.
އެގޮތުން، އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ރަފަހްގެ ސަރަހައްދެއްގައި ހުރި ބިންގަރާހަކުން އަށް ހަނގުރާމަވެރިން ނުކުންނަނިކޮށް ފެނިފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. އިޒްރޭލު ސިފައިން އޭގެ ތެރެއިން ތިން މީހަކު މަރާލައި ހަމާސްގެ ކޮމާންޑަރެއް ކަމަށް ބުނާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އިޒްރޭލުން ބުނި ގޮތުގައި އެ މީހުން އަމާޒުކުރީ ހަމާސް އާއި އިސްލާމިކް ޖިހާދުގެ ކޮމާންޑަރުންނާއި ހަތިޔާރު ގުދަންތަކާއި ހަތިޔާރު އުފައްދާ މަރުކަޒުތަކަށެވެ.
ނަމަވެސް ހަމާސްއިން ވަނީ އިޒްރޭލުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ.
މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން މަރުވެފައިވަނީ މީހުން ދިރިއުޅޭ ގެތަކާއި ފޭލިގެތަކާ އަދި ފުލުހުންގެ މަރުކަޒަކަށް ދިން ހަމަލާތަކުގަ އެވެ.
ގާޒާގެ ފުލުހުން ބުނި ގޮތުގައި، ގާޒާ ސިޓީގެ ހުޅަނގުގައި ހުންނަ ޝައިހް ރަލްވާން ޕޮލިސް ސްޓޭޝަނަށް ދިން ހަމަލާގައި 13 މީހުން މަރުވިއިރު، އޭގެ ތެރޭގައި ފަސް ފުލުހުން ހިމެނެ އެވެ.
މީގެ އިތުރުން، ގާޒާ ސިޓީގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ހާން ޔޫނިސްގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކަށް ވެސް އިޒްރޭލުން ވަނީ ހަމަލާދީފަ އެވެ.
ހަމަލާގައި މަރުވި ތިން ކުޑަކުދިންގެ ބޭބެ، ސާމިރު އަލް-އަތުބާޝް ބުނި ގޮތުގައި، އެ ކުދިންގެ ހަށިތައް ފެނުނީ މަގުމަތިންނެވެ.
"އެ މީހުން މި ކިޔަނީ ހަމަލާ ބަދަލުކުރުން ހުއްޓާލައިފި ކަމަށް. އެކަމަކު މި ކުޑަކުދިން ކުރީ ކޮން ކުށެއް؟ އަހަރެމެން ކުރީ ކޮން ކަމެއް؟،" އޭނާ ހިތާމައާ އެކު ސުވާލު ކުރި އެވެ.
ގާޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނާ ގޮތުގައި، އިއްޔެގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 32އަށް އަރާފަ އެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް، އިޒްރޭލުން ދިން ހަމަލާތަކުގައި 500އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ގާޒާގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.
މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ދިއުމަށް ބައިނަލްއަގުވާމީ ފިއްތުންތައް ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ. މި މަރުހަލާގައި އިޒްރޭލު ސިފައިން އިތުރު ސަރަހައްދުތަކުން ފޭބުމާއި ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ގާއިމުކުރުން ހިމެނެ އެވެ. ނަމަވެސް ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް ކުރާ ޝަރުތަކީ އެ ޖަމާއަތުން އަބަދު ވެސް ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.
އިޒްރޭލުން ވަނީ ހަމާސްއިން ހަތިޔާރު ނުބަހައްޓައިފި ނަމަ އަލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ