ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރު ކުރީ، މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ ސޯސަންގެ، ޢަލީ އީޝާދު (32އ) އާއި، ދ. މީދޫ ހަނީސީޒަން، މުޙައްމަދު މާހިރު (36އ) އާއި، މާލެ ގ. ކަނދުމާގެއާގެ، އާހިލް ޢަލީ (23އ) އާއި، ގދ. ތިނަދޫ ފައިވްރޯސް، ރިކްޒު އާދަމް (23އ) އާއި، ޅ. ހިންނަވަރު ދުންތަރި، މުޙައްމަދު ސުހާން އަޙްމަދު (39އ) ގެ އިތުރުން ލ. ގަން މުކުރިމަގު މަތަރެސްމާގެ، ޢަބްދުލްމާޖިދު އިބްރާހީމް (38އ) އެވެ. މި އެންމެން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ބަލައިފާސްކުރިއިރު، އެ ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އަތުލައިގަނެފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ އީޝާދު އާއި މުޙައްމަދު މާހިރު އާއި ޢަބްދުލްމާޖިދު އިބްރާހީމް އަދި މުޙައްމަދު ސުހާން އަޙްމަދު 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން އާހިލް ޢަލީ 12 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، ރިކްޒު އާދަމް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ 5 ދުވަހުގެ މުއްދަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ