ކާތިކްގެ 'ކެޕްޓަން އިންޑިއާ' ރިލީޒްކުރުން އަންނަ އަހަރަށް ތާވަލުކޮށްފި

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރިއަން އަލަށް ސޮއިކުރި ފިލްމު "ކެޕްޓަން އިންޑިއާ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކުރެވިފައިވާކަން އެ ފިލްމު ގެނެސްދޭ އާރްއެސްވީޕީ އަދި ބަވޭޖާ ސްޓޫޑިއޯސްއިން ހާމަކޮށްފިއެވެ. މި އަހަރުގެ މެދުތެރޭ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ "ކެޕްޓަން އިންޑިއާ" އަކީ، ކުރިން ރޯނީ ސްކްރޫވާލާ އާއި ކުރީގެ އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު ހަރުމަން ބަވޭޖާ ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތްކޮށް ހަންސަލް މެހެތާ ޑައިރެކްޓްކުރަން ނިންމި ފިލްމެކެވެ. ނަމަވެސް ފަހުން ގެނައި ބަދަލާ އެކު ފިލްމުގެ އާ ޑައިރެކްޓަރަކީ ޝިމިތު އަމީންއެވެ. ހަމައެއާއެކު ފިލްމު ގެނެސްދޭ ކުންފުނީގެ ލިސްޓަށް ޓީ-ސީރީސް އިތުރުވެފައިވާއިރު އާރްއެސްވީޕީގެ ހިއްސާއެއް ދެން ފިލްމުގައި ނޯންނާނެއެވެ. https://x.com/taran_adarsh/status/2047329827083141362 ޝިމިތު އަކީ ޝާހްރުކް ޚާންގެ 2007ގެ ފިލްމު "ޗަކް ދޭ އިންޑިއާ" ގެނެސްދިން ޑައިރެކްޓަރެވެ. އޭވިއޭޝަން ތީމްއަށް އުފައްދާ "ކެޕްޓަން އިންޑިއާ"ގެ ލީޑް ރޯލްއިން ކާތިކް ފެންނާނެކަން ކަށަވަރުވެފައިވީ ނަމަވެސް ކާތިކްއާ އެކު ފިލްމުގެ ކާސްޓުން ދެން ފެންނާނެ ތަރިންނާ ބެހޭ މައުލޫމާތު ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ. ހަރުމަންގެ އަމިއްލަ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ "ކެޕްޓަން އިންޑިއާ" ބެލުންތެރިންނަށް ގެނެސްދޭން ނިންމި އާ ތާރީޚަކީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހެވެ. މި ފިލްމުގެ ވަރަށް ބޮޑު ބައެއް އިންޑިއާގެ އެކި ސްޓޭޓްތަކުގައި ޝޫޓްކުރަން ނިންމާފައިވާއިރު ފިލްމުގެ ބައެއް މޮރޮކޯގައި ވެސް ޝޫޓްކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ދަރުމާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ"އިން އެންމެފަހުން ބެލުންތެރިންނަށް ފެނުނު ކާތިކްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ނާގްޒިއްލާ" އަދި ޑައިރެކްޓަރު އަނޫރާގް ބާސޫގެ ލޯބީގެ ފިލްމެއް ވެސް ހިމެނެއެވެ. މީގެއިތުރުން ކާތިކް ވަނީ ޑައިރެކްޓަރު ކަބީރް ޚާންގެ ނަން އިއުލާން ނުކުރާ ސްޕޯޓްސް ޑްރާމާއަކަށް ވެސް ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ