ޕާކިސްތާނުން ފިލްމު "ދުރަންދަރު"އަށް ދިން ރައްދުގެ ފެންވަރު ދަށްކަމަށް ބުނެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ

އިންޑިއާގެ ފިލްމު "ދުރަންދަރު"އަށް ރައްދެއް ދިނުމުގެ ގޮތުން ޕާކިސްތާނުން އުފައްދައި ދާދިފަހުން ދައްކަން ފެށި ޓީވީ ޑްރާމާ ސިލްސިލާގެ ފެންވަރު ދަށްކަމަށް ބުނެ އޭގެ އުފެއްދުންތެރިންނަށް އަމާޒުކޮށް އިންޑިއާގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔައިފިއެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ޖާސޫސީ ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޕާކިސްތާނުގެ ޑްރާމާއެއް ކަމަށްވާ "ޖަހަންނަމް ބަރާސްތާ ޖަންނަތު"ގެ ކްލިޕްތަކެއް އިންޑިއާގެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެކްސް މެދުވެރިކޮށް ގިނަ ބަޔަކު ވަނީ މި ޑްރާމާގެ ބައެއް ވީޑިއޯ ކްލިޕްތައް ހިއްސާކޮށް އެއަށް ފާޑުކިޔާފައެވެ. އެކްސްގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި، މިއީ އިންޑިއާގެ ޖާސޫސީ ދާއިރާގެ ވާހަކައެއް ގެނެސްދޭން އުޅުނު ނަމަވެސް، ވަރަށް ފެންވަރު ދަށްކޮށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި އިންޑިއާގެ އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/އެންޑީޓީވީ މި ޑްރާމާއަށް އަމާޒުކޮށް ހުރި ފާޑުކިޔުންތަކުގެތެރޭ، އެކްޓަރުން އުރުދޫ ބަހުން ވާހަކަދައްކާއިރު، ހިންދީ ބަހުގެ އުނދަގޫ ލަފްޒުތައް ހާލަތާ ނުގުޅޭ ގޮތަށް ބޭނުން ކުރުމާއި، ވާހަކަދައްކާ ރާގު މުޅިން ގޯސްކޮށް ގެނެސްދީފައިވުން ހިމެނެއެވެ. ފާޑުކިޔާ މީހުން ބުނާ ގޮތުގައި އެކްޓަރުން އިންޑިއާ މީހުންގެ ރޯލު ކުޅުނު ނަމަވެސް، އެއީ ޕާކިސްތާނު ބައެއްކަން އެމީހުންގެ ވާހަކަދެއްކުމުން ސާފުކޮށް އެނގެއެވެ. މީގެ އިތުރުން، މި ޑްރާމާގެ ޕްރޮޑަކްޝަން ކޮލިޓީ ނުވަތަ އުފެއްދުންތެރިކަމުގެ ފެންވަރު ވެސް އިންތިހާއަށް ދަށްކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ. ޕާކިސްތާނުގެ 'ގްރީން އެންޓަޓައިންމަންޓް'އިން މިދިޔަ މަހު ދައްކަންފެށި "ޖަހަންނަމް ބާރާސްތާ ޖަންނަތު" ޑްރާމާގެ ހަތަރު އެޕިސޯޑެއް މިހާތަނަށް ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވެއެވެ. އިންޑިއާގެ ޖާސޫސީ އިދާރާ "ރޯ"ގެ ވެރިޔާ، ޕާކިސްތާނުގައި ބިރުވެރިކަން އުފައްދައި އެ ގައުމު ހަލާކުކޮށްލުމަށް ރާވާ ރޭވުންތަކެއް ދައްކުވައިދޭ މި ޑްރާމާ ސީރީސްގައި އެ ރޯލް ކުޅެފައި ވަނީ ބޮލީވުޑްގެ ފިލްމުތަކުގައި ކުރިން މަސައްކަތްކޮށްފައިވާ ޕާކިސްތާނު އެކްޓަރު ޖާވިދު ޝެއިހެވެ. ޑައިރެކްޓަރު އަދިތިޔަ ދާރު ގެނެސްދިން "ދުރަންދަރު"އަކީ މިހާތަނަށް އިންޑިއާގެ ބޮކްސް އޮފީހުގައި ރެކޯޑުތަކެއް މުގުރާލުމަށްފަހު އާމްދަނީގެ ގޮތުން ވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމެކެވެ. ރަންވީރު ސިންގް ލީޑް ރޯލު ކުޅެފައިވާ "ދުރަންދަރު" ފިލްމަށް މުޅި ދުނިޔޭގައި ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނައިރު، އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން ޕާކިސްތާނުގެ ސިނަމާތަކުގައި މި ފިލްމު ދެއްކޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް، ވަގަށް ކޮޕީކޮށްފައިވާ ޑީވީޑީތަކާއި، ގަވާއިދާ ހިލާފު ސްޓްރީމިންގް ސައިޓްތަކުގެ އިތުރުން ނެޓްފްލިކްސް މެދުވެރިކޮށް ޕާކިސްތާނުގެ ގިނަ ބަޔަކު މި ފިލްމު ބަލާފައިވެއެވެ. މިދިޔަ މަހު ރިލީޒްވި "ދުރަންދަރު 2" ވެސް ވަނީ މިފަދަ ވަސީލަތްތައް މެދުވެރިކޮށް ޕާކިސްތާނަށް ފޯރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ