ސައުދާގެ ކުރީގެ ފިރިކަލުން އިދުރީސް ޖޭއެސްސީއަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި ސައުދާގެ ކުރީގެ ފިރިކަލުން އިދުރީސް ޖޭއެސްސީއަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަންއަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ކުރީގެ ފިރިކަލުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ލަފާދޭން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ޖޭއެސްސީގެ މެންބަރަކަށް ވުމަށް އެދި ހުށަހެޅި އަށް މީހުންގެ ތެރެއިން އިންޓަވިއު ކުރީ ހަ މީހަކާ އެވެ. އެ މީހުންގެ ތެރެއިން 75 އަށް ވުރެ ގިނަ މާކްސް ހޯދި ހަތަރު މީހެއްގެ ނަން މަޖިލީހުގެ ތަޅުމަށް ޖުޑީޝަރީ ކޮމިޓީއިން ފޮނުވި އެވެ.
އިންޓަވިއު ކުރި މީހުންގެ ތެރެއިން ޖުޑިޝަރީ ކޮމިޓީން ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީ އަށް ދީފައި ވަނީ 81 މާކުހެވެ. ސައުދާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅެވެ.
މިއަދު ތަޅުމުގައި ނެގި ވޯޓުގައި 62 މެންބަރުން އޭނާ އައްޔަނު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އޭނާ އައްޔަނު ކުރުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ފައުޒީ މިހާތަނަށް ގާނޫނީ އަދި ޝަރުއީ ދާއިރާގައި މަސައްކަތް ކޮށްފައެއް ނެތެވެ. މިކަމާ ގުޅިގެން ފައުޒީއާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
މައުލޫމާތު އެނގޭ ބައެއް މީހުން އަދަދު ނޫހަށް ކިޔައިދިން ގޮތުގައި ފައުޒީ ފުރަތަމަ ވަޒީފާ އަދާކުރީ ކަލައިދޫ ޓީޗަރެއްގެ ގޮތުގަ އެވެ. އެއަށް ފަހު މާލެ ބަދަލުވެ ހައުސިން މިނިސްޓްރީގެ މަގާމެއްގައި ހުރީ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ.
ސައުދާއާ ކައިވެނި ކުރީ ހައުސިން މިނިސްޓްރީގެ ވަޒީފާގައި އުޅުނު ދުވަސްވަރު ކަމަށް ބައެއް މީހުން ބުންޏެވެ. ފައުޒީ އާއި ސައުދާގެ ދަރިން ވެސް އެބަ ތިއްބެވެ. މިހާރު ފައުޒީ ހުރީ ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ