ވަގު ސެޓުފިކެޓު ހުށަހަޅައިގެން ކުވައިތު ސަރުކާރުން ވަޒީފާ ހޯދުމުން ހަތް އަހަރުގެ ޖަލު ހުކުމެއް
މަކަރާއި ހީލަތް ހަދައިގެން ސައްހަ ނޫން ސެޓުފިކެޓު ބޭނުން ކުރުމާ ދެކޮޅަށް ކުވައިތުގައި ފިޔަވަޅު އަޅަމުން ދާ ދަނޑިވަޅެއްގައި، ވަގު ސެޓުފިކެޓު ހުށަހަޅައިގެ ކުވައިތު ސަރުކާރުން ވަޒީފާ ހޯދި މީހަކަށް ވަރަށް ހަރުކަށި އަދަބެއް ކަނޑަ އަޅައިފިއެވެ. ސަރުކާރުގެ ވަޒީފާއެއް ހޯދުމަށް ހައި ސްކޫލް ސެޓުފިކެޓެއް ފޯޖުކޮށް ޤާނޫނާ ޚިލާފަށް މުސާރަ ނެގުމުން، ކުވައިތުގެ ރައްޔިތެއް ހަތް އަހަރަށް ޖަލަށް ލުމަށާއި 143،000 ކުވައިތު ދީނާރު (467،610 ޑޮލަރު)ން ޖޫރިމަނާ ކުރަން ވަނީ ހުކުމް ކޮށްފައެވެ. ކޯޓު އޮފް ކެސޭޝަނުން އެ ހުކުމަށް ތާއީދުކުރީ އަވަށްޓެރި ޖީސީސީ ގައުމެއްގެ ސެކަންޑަރީ ސްކޫލަކުން ދޫކޮށްފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ތައުލީމީ ސެޓުފިކެޓެއް ހުށަހެޅިކަން ހާމަވުމުންނެވެ. ވަގު ސެޓުފިކެޓު ބޭނުންކޮށްގެން ވަޒީފާ ހޯދައި، އެ މުވައްޒަފު ހައްގު ނޫން އާމްދަނީ އަހަރުތަކެއް ވަންދެން ހޯދަމުން ދަނިކޮށް، އޭނާގެ ތައުލީމީ ރެކޯޑުތަކުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ކަމާ ބެހޭ ފަރާތުން އެކަން ތަހުގީގު ކުރަން ފެށިއެވެ. އަދި އޭނާ ހުށަހަޅާފައި ވަނީ ފޯޖު ކޮށްފައިވާ ވަގު ސެޓުފިކެޓެއްކަން ކަށަވަރު ކުރެވުމުން އޭނާއާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ލަފާ ދިނެވެ. ނޫސްތަކުން ރިޕޯޓުކޮށްފައި ވާގޮތުގައި، ވަގު ސެޓުފިކެޓު ބޭނުންކޮށްގެން ސަރުކާރުގެ ވަޒީފާއެއް ހޯދައި، ހައްގު ނޫން އާމްދަނީއެއް ހޯދަމުން ދިޔަ އެ މުވައްޒަފަށް އެހާ ބޮޑު އަދަބެއް ކަނޑަ އެޅުމުން ހާމަ ކޮށްދެނީ ލިޔެކިޔުންތަކުގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ހުއްޓުވައި އާންމުންގެ ފައިސާ ހިމާޔަތްކުރުމަށް ކުވައިތުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ވަރުގަދަކަމެވެ. އަދި މި ހުކުމުގެ ހަރުކަށި ކަމުން، އެކަޑަމިކް ފޯޖަރީ އާއި އާންމު ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާ މެދު ކުވައިތުގެ ޝަރުއީ ދާއިރާގެ ވަރުގަދަ ސްޓޭންޑް ހާމަވާ ކަމަށް ޤާނޫނީ ތަޖުރިބާކާރުން ވިދާޅުވެއެވެ. މި ބާވަތުގެ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި، ވެރިފިކޭޝަން މަރުހަލާތައް ހަރުދަނާ ކުރުމާ އެކު ކަމާ ބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށް އޮފިޝަލުން ވިދާޅު ވެއެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި، މުއައްސަސާތައް އިސްލާހުކޮށް އިދާރީ ނަޒާހަތްތެރިކަން ގާއިމު ކުރުމަށްޓަކައި ކުވައިތުގައި ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ