ކުރިއަށްދަނީ އެފްއޭއެމް އަލުން ވުޖޫދަށް ގެނައުމުގެ ފަހުގެ މަސައްކަތް: ޠަލާލް
މި ވަގުތު އައިސީޔޫގައި އޮތް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. ޠަލާލް މިހެން ވިދާޅުވިއިރު، އަންނަ ހުކުރު ދުވަހު އެފްއޭއެމުގެ އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ އެކުލަވާލުމާއި މުހިންމު ގިނަ ނިންމުންތަކެއް ނިންމުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކުގެ ކުރިން އަންނަ ބުރާސްފަތި ދުވަހު ކުލަބުތަކާ އެކު ވެސް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ޠަލާލް މިހެން ވިދާޅުވީ، ސޮކާ ވެޓެރަންސްއިން އިންތިޒާމުކޮށްގެން ބާއްވާ މައިލޯ ޖޫނިއާސް 18 އަހަރުން ދަށުގެ ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޠަލާލް ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ފުޓްބޯޅަ އަލުން ނަގާ ކޮޅަށް ޖެހުމަށްޓަކާ ކުރާ މަސައްކަތް ކަމަށާއި އެކަން އިރާދަކުރެއްވިއްޔާ ކާމިިޔާބުވެގެންދާނެ ކަމަށެވެ. އަދި، ނޯމަލައިޒޭޝަން ކޮމެޓީގެ މަސައްކަތް ފާހަގަކުރައްވާ ޠަލާލް ވަނީ އެ ކޮމިޓީއަށް ޝުކުރުއަދާކުރައްވާފައެވެ. ހުކުރު ދުވަހު ބާއްވާ ކޮންގްރެސްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެފްއޭއެމްގެ 2023 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން، އެފްއޭއެމްގެ އިސްލާހުކުރެވިފައިވާ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމަށް ހުށަހެޅުމަށް ނިންމާފައިވެއެވެ. މި ހިންގާ ގަވާއިދަކީ ކުލަބުތަކާ އޭއެފްސީ އަދި ފީފާގެ އެހީތެރިކަމާ އެކު އެކުލަވާލާފައިވާ ގަވާއިދެކެވެ. އެފްއޭއެމްގެ ކޮންގްރެސްގެ އެޖެންޑާގައި ދެން ހިމެނެނީ 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމާއި، 2025 އިން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް އޮޑިޓުކުރާ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމެވެ. ދެން ހިމެނެނީ އިސްލާހުކޮށްފައިވާ ހިންގާ ގަވާއިދު ފާސްކުރުމާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމެވެ. ދެން މި ކޮންގްރެސްގައި ތާވަލުކޮށްފައިވަނީ އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ ހޮވުމަށް އިންތިޚާބު ބާއްވާނެ ދުވަސް ކަނޑައެޅުމެވެ. މި ކޮންގްރެސްއާ އެކު އެފްއޭއެމްގެ ނޯމަލައިޒޭޝަންގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ފެށޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ