ޓީޗަރުންނަށް އިތުރު ގަޑީގެ ފައިސާ ނުދިނުމަކީ ގާނޫނީ ކުށެއް: މައުރޫފް ޓީޗަރުންނަށް އިތުރު ގަޑީގެ ފައިސާ ނުދިނުމަކީ ގާނޫނީ ކުށެއް: މައުރޫފް

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ގަޑީގެ ފައިސާ ނުދިނުމަކީ ގާނުނީ ކުށެއް ކަމަށާއި ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭ އުސޫލުން، ހޮނިހިރު ދުވަހު މަސައްކަތް ކުރާނަމަ، ޓީޗަރުންނަށް ވެސް އިތުރު ގަޑީގެ ފައިސާ ލިބެން ޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މަޖިލިސް މެންބަރު، އަމީން ފައިސަލް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ތައުލީމާ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބޭ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތަކަށް ބަލާއިރު އިއްޒަތްތެރި ރައީސް، އިތުރު ގަޑީގެ ފައިސާ ނުލިބުން މިއީ ވަރަށް ބޮޑު މައްސަލައެއް، މިއީ ގާނޫނީ ކުށެއް، ގާނޫނުގައި ބަޔާން ކޮށްފައި ވަނީ އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ މުސާރަ ދޭންޖެހޭނެ ކަމަށް، އެ ނުދީ މަސައްކަތް ކުރުވާނަމަ އެއީ ގާނޫނާ ހިލާފަށް ކުރުވާ ކަމެއް،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮނިހިރު ދުވަހު ޓީޗަރުން މަސައްކަތަށް ނެރޭނަމަ އެ ދުވަހަށް ކަނޑައެޅިފައިވާ އިތުރު ގަޑީގެ ފައިސާ ދޭންޖެހޭނެ ކަމަށެވެ. އަދި ޓީޗަރުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެ ޓީޗަރަކަށް ގޮނޑި އާއި މޭޒު ފޯރުކޮށްދޭން ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ކޮންމެ ދެ އަހަރަކުން ލިބެންޖެހޭ މުސާރައިގެ ކުރިއެރުން ނުލިބި ގިނަ ދުވަސްވެފައިވާ އެތައް ޓީޗަރުންނެއް އިއްޒަތްތެރި ރައީސް އެބަތިބި، މިއީ ކަންބޮޑުވުން އޮތް މައްސަލައެއް، ދާއިރާގައި ހުރެގެން މާސްޓާސް ސެޓްފިކެޓު ހާސިލު ކުރުމުން މުސާރައިގެ ކުރިއެރުން ނުލިބި ހަތަރު އަހަރު މަޑުކުރަން ޖެހުމަކީ ޓީޗަރުންގެ ކަންބޮޑުވުމެއް އިއްޒަތްތެރި ރައީސް،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ކޮންމެ ކުލާހެއްގައި އެތައް ބައިވަރު ކުދީންނެއް ތިބުމާއި ހަތަރުފަސް ކުލާސް ބަލަހައްޓަން އެންމެ ޓީޗަރަކާ ހަވާލު ކޮށްފައި އޮންނަ މައްސަލައަކީ ވެސް ޓީޗަރުންގެ ކަންބޮޑުވުން އޮންނަ މައްސަލައެއް ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ތައުލީމު ދިނުމަށް ހާއްސަ ސެން ކުލާސްތައް ކޮންމެ ސްކޫލެއްގައި ގާއިމުވެފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.
"އެކަޑެމިކް މަސައްކަތް ކުރާ ޓީޗަރުންނާއި ލީޑިން ޓީޗަރުން ލައްވައި އިދާރީ މަސައްކަތްތައް ކުރުވުން މިއީ ޓީޗަރުންގެ ކަންބޮޑުވުމެއް،" މައުރޫފް ވިދާޅުވި އެވެ.
އޭގެއިތުރުން ރަސްމީ ދުވަސްތަކުގައި އާއިލީ ޒިންމާ ނަގާ ޓީޗަރުންނާއި ސަލާމް ބުނާ ޓީޗަރުންގެ ނަންތައް އާންމުކޮށް އެހެން މުވައްޒަފުންނަށް ފެންނާނެހެން ހާމަކުރުމަކީ ވެސް ޓީޗަރުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބަޔަކީ ސިއްހީ ހިދުމަތްތެރިންނާއި ޓީޗަރުން ކަމަށް މައުރޫފް ވިދާޅުވި އެވެ. ކެމްޕޭނު ތެރޭގައި ވެސް އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ރައީސް މުއިއްޒުގެ އަރިހުން އެ ފަރާތްތަކުން އެދުނު ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެކަންކަމަށް ހައްލު ހޯދައިދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.
"އޭރުގެ ވައުދެއް މި ކަންކަން ރަނގަޅު ކޮށްދެއްވާނެ ކަމަށް، އެހެންވީމާ އިއްޒަތްތެރި ރައީސް، އެ މުވައްޒަފުން މި ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ސަމާލުކަމަށް ގެންނަނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް މުއިއްޒު މި ކަންކަމާމެދު ސީރިއަސްކޮށް ވިސްނަވާނެ، ސިނގިރޭޓާ ދޭތެރޭގައި ވިސްނަވާ ގޮތަށް އަޅުގަނޑު އެދެނީ ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނާ ދޭތެރޭގައި ރައީސް މުއިއްޒު ވިސްނާވަޑައިގަތުމަށް،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ޕީއެންސީގެ މެންބަރުންގެ ފަރާތުން ވެސް އެއްބާރުލުން ލިބޭތީ އުފާ ކުރައްވާ ކަމަށެވެ. އަދި އެ މައްސަލަތަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ޕީއެންސީ މެންބަރުން ދިނުމަކީ ބަލައިގަންނަ ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ