ފޫނެތް ބާލިދީއަކަށް ފެންފުރާ އުޞޫލުން އަޅުކަންކުރެވޭނަމަ ކުރާނެ ފައިދާއެއް ނެތް! އަޅުކަންކުރަންވީ ކުރިކަންތައް ނުގެއްލި ތިމާއާއިއެކު ދެމިހުންނާނެ ގޮތަށް!

ބައެއް މީހުންނަކީ ވަރަށް ހީވާގިކަމާއިއެކު އަޅުކަންކުރާ ބައެކެވެ. ދުވަސް ފަށަނީ ފަތިސްނަމާދުންނެވެ. ފަރުޟު 5 ނަމާދުގެ އިތުރުން ސުންނަތް ނަމާދުތަކާއި ދަމުނަމާދުވެސް ކުރެއެވެ. ޛިކުރުކުރެއެވެ.
މިފަދަ މީހުންގެ ތެރޭގައި އެމީހާކުރި އަޅުކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ބައަކު ތިބޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި ކުރި އަޅުކަމުން އެއްވެސް ފައިދާއެއް ނުކުރާނެ މީހުންގެ ތެރޭގައި ގިނަވާނީ އެމީހުންގެ ދުލުން ބުނި ނުބައި ބަސްތަކުގެ ސަބަބުން އެހެން މީހުންނަށް ބަދަލުދޭންޖެހޭނެ މީހުންކަންވެސް އެނގެން އެބައޮތެވެ!
ބައެއް މީހުން މީސްތަކުންގެތެރޭގައި ހުންނައިރު ދުލުން ބުނަނީ ހެޔޮ ބަސްތަކެވެ. ނަމަވެސް ގެއަށްވަދެވުމާއިއެކު ދުލުން ބުނަނީ މުޅިން ތަފާތު ބަސްތަކެކެވެ. އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ހިތުގައި ޖެހޭފަދަ ބަސްތަކެވެ.
މިއީ ވަރަށް ދެރަ އަދި ހިތާމަހުރިކަމެކެވެ. ތިމާގެ ދުލުން ނުބައިބަސްތައް ނުބުނަންވީ ވަކި މީހަކަށް ނޫނެވެ. އަޅުން ގެންގުޅުން ހުއްދައިރު އަޅަކަށް ނަމަވެސް ނުބައި ބަސްތައް ނުބުނުމަށާއި ބުނެފިނަ އެމީހަކު ފާފަވެރިވާނެކަން ރަސޫލް ﷺ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. ވީއިރު ތިމާ އެބައަކު ދެކެ އެންމެ ބޮޑަށް ލޯބިވާންޖެހޭ އަދި އެބައެއްގެ ޙައްޤުތަކަށް އެންމެ ބޮޑަށް ރައްކައުތެރިވާންޖެހޭ މީހުންނަށް ނުބައިބަސްތައް ބުނުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟
ވީމާ ނުހަނު ބުރަ މަސައްކަތުން ކުރާ ހެޔޮ ޢަމަލުކޮޅު ދުލުން ބުނެވޭ ބަސްތަކުން ނަގައިލާ މީހަކުކަމުގައިނުވާށެވެ! ކިތަންމެ ގިނައިން އަޅުކަންކުރި ނަމަވެސް ޤިޔާމަތް ދުވަހު އުޅެންޖެހޭނީ މަދުވެގެންނެވެ. ވީމާ ޙަދީޘްފުޅުގައިވާ ފަދައިން ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ބަނގުރޫޓުވެފައިވާ މީހަކުކަމުގައި ނުވާށެވެ!
ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއް ކަމަކީ ކުރާ ހެޔޮ ޢަމަލުތައް ސަލާމަތްކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދިއުމެވެ. އެއިގެ މާނައަކީ ޢަމަލުތައް ގެންދެވުނު ނަމަވެސް އެއިން ތިމާއަށް ފައިދާކުރުމެވެ. ބާޠިލްވެގެން ނުދިއުމެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހިފައިވާ ކަމެކެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ