ހަމަލަމަ ގެއްލިފައިވާ ގައުމެއްގެ ގޮތުގައި އެންމެ މަޝްހޫރު އެއްތަނަކީ ސޯމާލިއާއެވެ. ވެރިކަމެއް އޮތަަސް އެތާކު ގޮތެއް ފޮތެއްނެތެވެ. ކޮރަޕްޝަނާއި ފަސާދައާއި ފޭރުމަކީ އެތާގައި އާދައިގެ ކަމެކެވެ. ވައްކަމާއި ކަނޑުފޭރުމާއި ޖީބުކެނޑުމަކީ ސަރުކާރާ ގުޅިލާމެހިގެން ރޯމާދުވާލު ހިންގަމުންދާ އައިދައިގެ ކަންކަމެވެ. އަދުލެއް އިންސާފެއް ރައްކާތެރިކަމެއް ލިބޭމީހެއް ނޫޅެއެވެ. އެއިންކަމެއް ހޯދަދޭ މީހެއް މުއައްސަސާއެއް ސަރުކާރެއް އެތާކު ނޯވެއެވެ.
މުއިއްޒު ވެރިކަމަށް އައުމާއެކު ދިވެހީންގެރާއްޖެ ތަރުތީބުވެގެން ދާތަން މި ފެންނަނީ އެމަގަށެވެ. ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައިގެން ހަރާމެއް ހަލާލެއް ނުބަލާ ޖެހުނުތާކުން ޖެހުނު އެއްޗެއް ހޯދައިގެން އުޅުން ދިވެހިންގެ ރާއްޖޭގައި އާދައިގެކަމަކަށް ވެއްޖެއެވެ. މީހަކު ކިޔާފާނެ އެއްޗަކަށް ވެދާނެ ގޮތަކަށް ބެލުމެއް ނެތި އާރާބާރުގައި ތިބި މީހުން ހިތުހުރިކަމެއް ހިތުހުރިގޮތަކަށް ކުރަނީއެވެ. ކަނޑުފޭރުން ނޫން ހުރިހާ ޖަރީމާއެއް ހިންގުމުގައި ސޯމާލިއާއެކޭ ދިވެހިންގެ ރާއްޖެއެކޭ ތަފާތެއް ނެތް ކަހަލައެވެ.
ވެރިންގެ އަމަލުތައް ބަހައްޓަމުން ދާގޮތުން ރާއްޖެ މިދަނީ ދެވަނަ ސޯމާލިއާއަށް ވުމުގެ މަގަށެވެ. މުއިއްޒު ދިމާކޮށްފައިހުރީ ރައްޔިތުންނަށް ކޮންމެ ހާލެއް ޖެހުނަސް ސަރުކާރަށް ފައިސާ ހޯދުމަށެވެ. މުއިއްޒު ސަރުކާރަށް ފައިސާ ހޯދަނީ ރައްޔިތަކަށް ލުއިފަސޭހަކޮށްދީ ރައްޔިތުންގެ ފޯރުންތެރިކަން އިތުރު ކޮށްދޭކަށް ނޫނެވެ. މިހާރު ސަރުކާރަށް ފައިސާ ހޯދަނީ މުއިއްޒުގެ ވެރިކަން ދަމަހައްޓަން މަސައްކަތްކޮށްދޭ މީހުނަށް ބައިއަޅައިގެން ދައުލަތް ދަވާލުމަށެވެ.
ވީހާވެސް ބޮޑަކަށް ރައްޔިތުންގެ އަތްމަތި ދަތިކޮށް މުއިއްޒުގެ ފައިބުޑަށް ވެއްޓި ސަލާންޖަހައިގެން ނޫން ގޮތަކަށް އެއްވެސް މީހަކު ހިންދަމާލައިގެން އުޅުނަ ނުދިނުމަކީ މުއިއްޒުގެ އަމާޒެވެ. ހުދުމުހުތާރު ގޮށްމުށުގެ ވެރިކަމެއް ދިގުމުއްދަތަކަށް ކުރަން ބޭނުން ކޮންމެ މީހަކު ކަންކުރާނީ އެމަގުންނެވެ. މުއިއްޒު ވެރިކަމުގައި ގިނަ ދުވަހު ހުރުމަށް ރައްޔިތުން ބިކާރީ ކުރުމުގެ އަމާޒު ހިފާފައިވާކަން އޮޅޭ ވަރަށްވުރެ މާސާފެވެ. މުއިއްޒުގެ ބަހާއި އަމަލު އެމަގަށް ބައްޓަންކުރަމުން އެ ދަނިއްޔަކީ އޮޅުމަކުން ނޫނެވެ.
ނަމުގައި ރައްޔިތުން ބާރުވެރިކޮށް ދުރު މުސްތަގުބަލުގައި މޮޅުގޮތް ތަކެއް ވާނެކަމުގެ ހުވަފެން ދައްކައިގެން ވެރިކަން ކުރަން ވަގުތު ހޯދުމަކީ މުއިއްޒުގެ މުޅި ވިސްނުމެވެ. އިސްލާހުގެ ކުރުމުގެ ނަމުގައި ގެންނަ ކުއްލި ބަދަލުތަކުން ރައްޔިތުންނަށް ކުރާ ނޭއްގާނި އަސަރަކީ ވަގުތީ ގޮތުން ބޯންޖެހޭ ހިތި ބޭހެއްކަމުގައި ގަބޫލު ކުރުވައިގެން ކޮންމެ ކަމަކީ އާދައިގެ ކަމަކަށް ހަދަން މަސައްކަތް ކުރަނީ އަމަށަކުން ނޫނެވެ.
ރާއްޖެއަށް މިއަދުވަނީ ދައުލަތެއް ހިންގުމަށް ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތިފައެވެ. އަދުލެއް އިންސާފެއް ހަމައެއް ލަމައެއްނެތެވެ. އިތުބާރުކުރެވޭ މުއައްސަސާއެއް މީހެއްނެތެވެ. އިތުބާރު ކުރެވޭ މީހެއް ރައްކާތެރިކަން ހޯދަން ދާނެ ތަނެއް ނެތެވެ. އަޑުގަދަ މީހާ ރުއްގިނަވެ ބޮޑުއެތި ކުޑައެތިކާލުމުގެ ކަނޑުގެ އުސޫލު އާއްމުވެފައެވެ. މާއްދިއްޔަތަށް އަޅުވެތިވެ އިންސާފަކީ ބާރުހުރި މީހާގެ މުއްޕަތުން ލިބޭއެއްޗަކަށްވެ ގާނޫނަކީ ވެރިޔާގެ ވިދާޅު ބަސްފުޅަށްވެ ނިމިއްޖެއެވެ.
ދިވެހީންގެރާއްޖެ: ދެވަނަ ސޯމާލިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ