ގައުމުގައި ބައިވައިވުން އުފައްދާ ސިޔާސީ ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ދެން ޖާގައެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ވެރިކަން ބަދަލުކުރި ގޮތް ތަހުގީގުކުރަން އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ނެރުން ވާންޖެހޭނީ ރާއްޖޭގެ ސިޔާސީ ހަރަކާތްތެރިންނާއި ޕާޓީތައް އެއްބައިވުމަށް އޮތް ޕްލެޓްފޯމަކަށް ކަމަށާއި ރާއްޖެ އަށް ހަމަޖެހުމާއި އާއްމު ހާލަތު އަނބުރާ ގެންނަން ލިބޭ ފުރުސަތަކަށް ކަމަށެވެ.
އެގޮތުން ކޯނީ ނެރޭ ރިޕޯޓަށް ފަހުން ދެން ކަންތައް ކުރަންޖެހޭ ގޮތަކާ މެދު މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވި ދައުވަތު ހުރިހާ ޕާޓީތަކުން ވެސް ގަބޫލުކުރުމަށް މައުމޫން މިއަދު ވަނީ ގޮވާލައްވާފައެވެ.
އަދި ކޯނީގެ ރިޕޯޓުގެ ސަބަބުން ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ސާފު ޖަވާބެއް ލިބޭނެ ކަމަށާއި ކޯނީގެ ރިޕޯޓް އާއްމުކުރުމުން، ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ ގާނޫނީ ހައިސިއްޔަތާ މެދު، އަމިއްލަ އެދުމާ އެއްގޮތަށް މަސައްކަތް ކުރާ ފަރާތްތަކުން އުފައްދާފައިވާ ޝައްކުތަކަށް ނިމުމަކަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ބަޔާނުގައި އިތުރަށް ވަނީ މުސްތަގުބަލު ހަލާކެއްގެ ތެރެއަށް އެއްލާލެވެން ނެތް ކަމަށާއި ގާނޫނު އަސާސީއާއި ދިމޮކްރަޓިކް އުސޫލުތައް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ފާއިތުވީ މަދު އަހަރުތަކުގެ ތެރޭގައި ހަދާފައިވާ ގޯސްތައް ތަކުރާރު ކުރުމަށް ޖާގަ ދެވެން ނެތް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަދި މި ދަނޑިވަޅުގެ ބޭނުން ހިފައި ގައުމަށް ކުރިމަތިވެފައި އިގްތިސާދީ އަޑިގަނޑުން އަރައިގަތުމާއި ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާކުރުމާއި ގާނޫނުގެ ބާރު ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޑިމޮކްރެސީގެ އަގުތައް ރާއްޖެއަށް އަނބުރާ ގެނައުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ކޮރަޕްޝަންގެ މޫތައް ލުހެލުމަކީ ސަމާލުކަން ދޭން އެއަށް ވުރެ މުހިއްމު ކަންތައްތައް ކަމަށް އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ސިޔާސީ ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ޖާގައެއް ނެތް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ