ލައިވް އަޕްޑޭޓް : ޢަބްދުﷲ ގާޒީ އާއި ޑރ. ޖަމީލް މިނިވަންކުރުމަށް ގޮވާލައިކުރި މުޒާހަރާ ރޫޅާލައިފި

މުޒާހަރާއާ ގުޅޭ: ފޮޓޯ: ޑރ. ޖަމީލު އަދި އަބްދުﷲ ގާޒީ މުޒާހަރާ ވީޑިޔޯ: މުޒާހަރާތެރޭގައި ސަންދާނު އަހައްމައިދީ ދުޢާކުރައްވަނީ02:20 ފުލުހުން މުޒާހަރާ ރޫޅަލުމާއެކު މިރޭ މުޒާހަރާ ނިންމާލައިފި. މާދަމާރޭ ވެސް މުޒާހަރާ އޮންނާނެ ކަމަށް މިރޭ އިއުލާންކުރި. މާދަމާރޭގެ ހަރަކާތްތައް އެސަރަހައްދުގައި ފަށާނީ ރޭވުންތެރިކަމާއެކު ވަރުގަދަކޮށް ކަމަށް ބުނެފައިވޭ. އަދި މާދަމާ ހަވީރު ސިޔާސީ ޕާޓީތަކުގެ ނޫސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ވެސް ހާމަކުރި.02:15 މުޒާހަރާގެ މައިދާން މިހާރު އެއްކޮށް ވަނީ ސާފުކޮށްފައި.02:08 ނިހާނާއި މަހުލޫފާއި ފްލައި އަދި މަދަނީ އިއްތިހާދުގެ އަބްދުﷲ ތިއްބެވީ ސިފައިންގެ ދޮރުމަތީގައި. އެބޭފުޅުން ބޭނުން ވަނީ އަބްދުﷲ ގާޒީއާބެހެ ގޮތުން ޖަވާބެއް ހޯދުމަށްޓަކައި ސިފައިންގެއިން ޖަވާބުދާރީވެވޭ ފަދަ ބޭފުޅަކާ ބައްދަލުކުރަން. އެބޭފުޅުން ވަޑައިގެން ސިފައިންގެ ކުރިމަތީގައި އިށީނުމުން ފުލުހުން ގޮސް ފަހަތަށް ޖައްސައިފި.02:05 ނިހާނާއި މަހުލޫފު ފުލުސް އޮފީހަށް ވަޑައިގަންނަވައިފި. އެބޭފުޅުން ވަޑައިގެންނެވީ މައްސަލައެއް ހުށަހަޅުއްވަން. އެއީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވޭ.02:03 މަސްމާރުކޭޓު ކައިރީ ތިބި މީހުންވެސް ފައްސާލައިފި. އާންމުން މިހާރު ތިބީ ވިއްސިވިހާލިވެފައި. އެހިސާބު ގޯޅިތަކުގައި ކޮންމެވެސް ވަރަކަށް މީހުން އެބައުޅޭ. މުޒާހަރާ ރޫޅާލިއިރު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިޔަ ކަމެއް ނޭނގޭ.02:00 މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން އާންމުން ފައްސާލައިފި. މިހާރު އާންމުން ތިބީ މަސްމާރުކޭޓު ހިސާބުގައި. ފުލުހުން ތިބީ އެމްޓީސީސީ ޓަވަރު ހިސާބުގައި.01:59 ފުލުހުންނާ ދިމާއަށް އެއްވެ ތިބި މީހުން ފެންފުޅި އުކައިފި.01:58 މުޒާހަރާގެ ބައިވެރިން ސަރަހައްދު ދޫކުރަން ފަށައިފި. މިހާރު ތިބީ ވަރަށް މަދު ބައެއް.01:55 ފުލުހުން އިންޒާރު ދޭން ފަށައިފި. ތަނުގެ އާންމު މަސްލަހަތު ނުގެއްލޭ ގޮތަށް މަސައްކަތް ނުކުރުމަށާއި، ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރު ދޭން ފަށައިފި.01:54 މުޒާހަރާގެ ބައިވެރިން ފުލުސް އޮފީހަށް ދާން ބޭނުންވާ ކަމަށް ޑިމާންޑުކުރަމުން އެބަދޭ.01:36 ޕީޕީއެމްގެ ކައުންސިލް މެމްބަރު ޞިއްދީޤް ވީޓީވީގައި :ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންނުވާނެ ކަމަށް ބުނެ ފުލުހުންގެ 10 އޮފިސަރުން އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް ފަސީހާ ބައްދަލުކުރެއްވި ކަމަށް. މިމައްސަލައާ ގުޅިގެން ރައީސް ނަޝީދާއި ހޯމް މިނިސްޓަރު އަފީފް އެ 10 އޮފިސަރުންނާ ބައްދަލުކުރެއްވި ކަމަށް.އެއޮފިސަރުންނަށް ރައީސް ނަޝީދު ވިދާޅުވީ ޢަބްދުﷲ ގާޒީ އާށް ކޯޓާއި ސަތޭކަ ފޫޓާ ހަމައަށްވެސް ގާތްނުވެވޭނެ ކަމަށް. ހޯމް މިނިސްޓަރު އަފީފް ވިދާޅުވީ ބޭނުންފުޅުވަންޏާ ޕްރޮމޯޝަންވެސް ދީފާނަމޭ އަދި ބޭނުންފުޅުވަންޏާ ވަޒީފާއިންވެސް ވަކިކޮށްދީފާނަމޭ ކަމަށް.ޞިއްދީޤް ވިދާޅުވީ މިހާރު ކުރަމުންދާ މުޒާހަރާއަކީ އިސްލާމްދީނާއި ގައުމުގެ ޙިމާޔަތުގައި ކުރަމުންދާ މުޒާހަރާއެއް ކަމަށް.01:26 ސަންދާނު އަހައްމައިދީ މުޒާހަރާ ދޫކޮށްލައި މައިދާނުން ނުކުމެއްޖެ. މުޒާހަރާގެ ބައިވެރިންގެ ކައިރިން މުޒާހަރާ މިރޭ އިތުރަށް ކުރިއަށް ގެންދާނެތޯ މަހްލޫފް އެބަސުވާލުކުރޭ.01:11 މާދަމާރޭ ބާއްވާ މުޒާހަރާގައި 10،000 މީހުން މުޒާހަރާއަށް ނެރުމަށް އެއްވެތިބި މީހުންނަށް ޝައިޚް އިމްރާން އިލްތިމާސްކޮށްފި. އަދި ކޮންމެ މީހަކު ވެސް އިތުރު 10 މީހުން ގޮވައިގެން މުޒާހަރާއަށް އައުމަށް އިމްރާން ގޮވާލެއްވި.00:44 މަދަނީ އިއްތިހާދުގެ ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ މިއީ ލާދީނީ ސަރުކާރާ ދެކޮޅަށް ކުރާ ސިލްސިލާ މުޒާހަރާއެއް ކަމަށް .00:42 ޑރ. މައުރޫފް ވިދާޅުވީ މިސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް ކިޔަނީ އިސްލާމިކް މިނިސްޓަރ ޑރ. މަޖީދު ކިތަންމެ ފަހަރަކު މިސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް ވިދާޅުވެފައިވާތީ ކަމަށް. އަދި ޢަބްދުﷲ ގާޒީއާއި ޑރ. ޖަމީލް މިނިވަން ނުކުރަނީސް މުޒާހަރާ ނުނިންމާނެ ކަމަށްވެސް އިޝާރާތްކުރެއްވި.00:28 ޝައިޚް އިމްރާން ވާހަކަފުޅުދައްކަވަނީ. ޝައިޚް ވިދާޅުވީ ގައުމަށް ދިމާވެފައިވާ ކަންތަކުގައި އެންމެންވެސް އެއްބައިވަންތަވާން ޖެހޭ ކަމުގައި. ސިފައިންނާ ފުލުހުންނަށް އިލްތިމާސް ކުރަނީ ޣައިރު ޤާނޫނީ އަމުރަށް ކިޔަމަން ނުވުމަށް.00:25 މުޒާހަރާގެ އިސްބައިވެރިން ތިއްބެވި ލޮރީގައި ގިނަ ސިޔާސީ ލީޑަރުން އެބަތިއްބެވި.00:24 ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އާއި ނައިބު ރައީސް ޑރ. މައުރޫފް ވެސް މުޒާހަރާގެ އިސްސަފާ ގުޅިއްޖެ. އެބޭފުޅުން ތިއްބެވީ ލޮރީގައި.00:20 އެމްޑީޕީ ބަޔަކު މުޒާހަރާ އަށް ހުރަސް އަޅަން އަންނަ ކަމަށް ބުނެ މުޒާހަރާގެ ބައެއް ބައިވެރިން މަސްމާރުކޭޓާ ދިމާއަށް ދުވެފައި ހިނގައްޖެ.00:15 ތަސްމީނު ވާހަކަދައްކަވައިފި. ޢަބްދުﷲ ގާޒީއާއި ޑރ. ޖަމީލް ވަގުތުން ވަގުތަށް މިނިވަންކުރުމަށް ތަސްމީން ގޮވާލެއްވި.00:09 ޑީއާރުޕީގެ ލީޑަރު ތަސްމީނުވެސް މުޒާހަރާއާ ގުޅިއްޖެ. މިހާރު ވާހަކަ ދައްކަވަނީ ގާނޫނީ ވަކީލު އިބްރާހީމް ވަހީދު (ވައްޑޭ).00:03 މުޒާހަރާގެ ބައިވެރިން މައިދާނުގައި އިށީނދެއްޖެ. މުޒާހަރާކުރާ މީހުން ބޯން ކޮފީ އާއި ފެން ސަރަހައްދަށް ގެނެސްފި. ވަރަށް ގިނަ ބަޔަކު މިހާރު ކޮފީއަށް އިންސާފުކުރަމުންދަނީ. ސަންދާނު އަހައްމައިދީ ދަނީ ދުޢާކުރަމުން.00:00 އަބްދުﷲ ގާޒީ އާއި ޑރ. ޖަމީލް ދޫކޮށްނުލާނަމަ އިދިކޮޅު ޕާޓީތަކުގެ ހަރާކަތްތައް ހުއްޓާނުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން މާތްﷲ ގަންދީ ހުވާކޮށްފި. ހުވާ ލައިދެއްވީ މަދަނީ އިއްތިހާދުގެ ނާއިބު ރައީސް އަބްދުﷲ މުހައްމަދު.23:45 އެމްއެންޑީއެފް އިން ޢަބްދުﷲ ގާޒީއާ ބެހޭ ގޮތުން މިރޭ ނެރެފައިވާ ބަޔާން :“މިރޭ 9:15 ހާއިރު، މ.ލިންކުހައުސްއަށް އެމްއެންޑީއެފްގެ ޓީމެއް ވަނީ ޒިޔާރާތްކޮށްފައެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިވާ ކްރިމިނަލް ކޯޓުގެ އިސް ޣާޒީ މ.ލިންކުހައުސް ޢަބްދުﷲ މުޙައްމަދަށް، އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ ތަކެތި ފޮނުވުމުގެ ފުރުޞަތު އޮތްކަން އެންގުމުގެ އިތުރުން، ޢަބްދުﷲ މުޙައްމަދު ކ.ގިރިފުށީގައި ހެޔޮ ޙާލުގައި ހުންނެވިކަން ޢަބްދުﷲ މުޙައްމަދުގެ އަނބިކަނބަލުންނަށް މިޓީމުން ވަނީ ދަންނަވާފައެވެ. އަދި ޢަބްދުﷲ މުޙައްމަދު ކ.ގިރިފުއްޓަށް ގެންދެވުނު ދުވަހުވެސް ފޯނުކުރުމުގެ ފުރުޞަތު ދިނުމުން ފޯނުކޮށްފައިވެއެވެ. އެގޮތުން މިރޭވެސް ޢަބްދުﷲ މުޙައްމަދާ ފޯނުން ވާހަކަ ދެއްކުމުގެ ފުރުޞަތު އަނބިކަނބަލުންނަށް ތަނަވަސްކޮށްދެވުނެވެ. ނަމަވެސް ޢަބްދުﷲ މުޙައްމަދު ފޯނުން ވާހަކަދެއްކެވުމަށް ބޭނުންފުޅު ނުވިއެވެ. އަދި އެކަން އަނބިކަނބަލުންނަށް ވާނީ ދެންނެވިފައެވެ. އާއިލާގެ ފަރާތުން ޢަބްދުﷲ މުޙައްމަދަށް ފޮނުވަން ބޭނުންވާތަކެތި ވަނީ އެމްއެންޑީއެފްގެ ޓީމާ ޙަވާލުކޮށްފައެވެ. އަދި ޢަބްދުﷲ މުޙައްމަދަށް މިރޭގެ ވަގުތެއްގައި އެތަކެތި ހަވާލުކުރެވޭނެއެވެ.” – އެމްއެންޑީއެފް23:36 މިހާރު ވާހަކަ ދައްކަވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު.23:32 މިހާރު ވާހަކަދައްކަވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ.23:25 މަހްލޫފްގެ ވާހަކައިގައި ގާނޫނާ ޚިލާފަށް މުޒާހަރާ ރޫޅާނުލުމަށް ފުލުހުންނަށް ގޮވާލެއްވި.23:22 ފުލުސް ކޮމިޝަނަރު ފަސީހް ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ސަންދާނު އަހައްމައިދީ ގޮވަމުންދޭ.23:20 ސިފައިން ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީއާ ބެހޭ ރަސްމީ މައުލޫމާތު ކުޑައިރުކޮޅެއްގެ ތެރޭގައި މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކާނަލް އަބްދުއް ރަހީމް ދާދިދެންމެއަކު ވިދާޅުވެއްޖެ.22:59 އަބްދުﷲ ގާޒީ ހުރީ ސިފައިންގެ ތަމްރީނު ހެދުމަށް ބޭނުންކުރާ ކ. ގިރިފުށީގައި ކަމަށް އެމްއެންޑީއެފުން ގާޒީގެ އާއިލާއަށް އަންގައިފި. މިކަން އެންގީ މީގެ ގަޑިއެއްހާ އިރު ކުރިން ގާޒީގެ އަންނައުނު ބަލާ އެގެއަށް ދިޔަ ސިފައިންގެ ބަޔަކު.22:42 ރާއްޖޭގައި މިހާރު ގާނޫނު އަސީސީއެއް ނެތް ކަމަށާއި ގާނޫނު އަސާސީ އުވިގެން ގޮސްފައިވާ ކަމަށް ސަންދާނު އަހައްމައިދީގެ ވާހަކަފުޅުގައި ވިދާޅުވި.މުޒާހަރާތެރޭގައި ސަންދާނު އަހައްމައިދީ ދުޢާކުރައްވަނީ22:38 ސަންދާނު އަހައްމައިދީ ވާހަކަދައްކަވަން ފަށައިފި.22:36 މުޒާހަރާގެ ބައިވެރިން އެމްޑީޕީ މީހުންނަށް އިޝާރާތްކޮށް ގޮވަމުން ދަނީ “މިހެންވެސް ކިޔާނަމޭ” ، “އެހެންވެސް ކިޔާނަމޭ” ، ކިޔަންވެސް ކިޔާނަމޭ” ، “ލާދީނީ ސަރުކާރޭ ވެސް ކިޔާނަމޭ”22:34 ގައުމީ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީ ވެސް ދެންމެ މުޒާހަރާއާ ގުޅިއްޖެ.22:21 ފުލުހުންގެ ސީނިއަރ މީހުންގެ ތެރޭގައި ދެކޮޅުވެރިކަމެއް އުފެދިގެން އުޅޭ ކަމަށް ވިލިމާފަނުނު ދާއިރާގެ މެމްބަރު ނިހާން ދެންމެ ވިދާޅުވެއްޖެ. މިހާރު މުޒާހަރާ ލީޑުކުރަނީ ނިހާން އާއި، މަހްލޫފް އާއި މާޒް ސަލީމް އަދި ތޭވީސް ޑިސެމްބަރ އިއްތިހާދުގެ ޢަބްދުﷲ މުޙައްމަދު. މުޒާހަރާގެ ބައިވެރިން ދަނީ އަޑުހަރުކޮށް “ﷲ އަކްބަރު” ތަކުބީރު ކިޔަމުން.22:09 މާޒް ސަލީމް ވާހަކަދައްކަނީ. އޭނާ ވިދާޅުވީ ފުލުހުންވެސް ޝީލްޑުތައް ބަހައްޓާފައި މުޒާހަރާއާ ގުޅެންވީ ކަމަށް. މިވަގުތު މުޒާހަރާ އޮތީ ވަރަށް ސުލްހަވެރިކޮށް. ފުލުހުންގެ ސަފުތައްވެސް ދުރުގައި އެބަތިބި.22:02 ޑރ. ޖަމީލް މާދަމާ ހެނދުނު 10:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ކޯޓު އަމުރު ނެރެފި. މިއަމުރު ނެރުނީ ޖަމީލް ހައްޔަރުކުރި މައްސަލަ އެކޯޓަށް ހުށަހެޅުމާ ގުޅިގެން.21:52 ފުލުހުންގެ ބްލޮކުން ބޭރުގައި ތިބުމަށް ރަޔަޓު ގިޔަރުގައި ތިބި ފުލުހުން އައިސް އެބައަންގަމުންދޭ. ސުލްހަވެރިކަމާއެކު ބްލޮކުން ބޭރުގައި ތިއްބަސް މައްސަލައެއް ނެތްކަމަށް ފުލުހުން އަންގާ.21:50 މުޒާހަރާކުރަމުންދާ މީހަކު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފި. އޭނާ ގެންގޮސްފައި ވަނީ ފަހަތަށް ބިޑިއަޅުވައިގެން.21:46 މިހާރު ވާހަކަދައްކަވަނީ ތޭވީސް ޑިސެމްބަރ އިއްތިހާދުގެ ސްޕޯކްސްޕާސަން ޢަބްދުﷲ މުޙައްމަދު. އޭނާ ވިދާޅުވީ ގާނޫނީ އިމުގެ ތެރޭގައި މުޒާހަރާކުރާ މީހުން ތިބުމަށް. އަދި ފުލުހުން ވެސް ގާނޫނާ އެއްގޮތަށް ކަންތައްކުރުމަށް.21:33 މާދަމާރޭ ބާއްވަން އިއުލާންކޮށްފައިވާ “ޒުވާނުންގެ މުޒާހަރާ” އޮންނާނީ އެމްއެމްއޭ ސަރަހައްދުގައި ކަމަށް ދެންމެ ޒުވާނުންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފި.21:27 އެމްއެމްއޭ ސަރަހައްދުގައި ކުރަމުންދާ މުޒާހަރާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވޭ. އެމީހުން ގޮވާލަމުންދަނީ ޢަބްދުﷲ ގާޒީ އާއި ޑރ. ޖަމީލް މިނިވަންކުރުމަށް. ރައީސް ނަޝީދާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ވެސް ގޮވަމުންދޭ.21:25 ޑރ. ޖަމީލް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ލޯންޗުގައި ފުލުހުން ނައްޓާލައިފި.ޑރ. ޖަމީލުގެ ވަކީލު ޑރ. ހަސަން ސައީދު ވިދާޅުވީ މިރޭ ޑރ. ޖަމީލު ހައްޔަރުކުރީ ދައުލަތާ އިދިކޮޅު ވާހަކަ ދެއްކުމުގެ ތުހުމަތާއީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ވާހަކަތައް ދައްކާ ޝާއިއުކޮށްފައިވާ ކަމަށް ބުނެ ކަމަށް.  ޑރ. ޖަމީލް މިރޭ ވެސް ހަނުހުރުމުގެ ހައްގު ބޭނުންކުރައްވާފައިވާ ކަމަށާއި ހަނުހުންނެވީ ތަހުގީގެއް ކުރާ ކަމަށް ގަބޫލުނުކުރެވޭތީ އާއި ފުލުހުން “ފުރައްސާރަކުރާތީ” ކަމަށް ޑރ. ޙަސަން ވިދާޅުވި.21:13 ގާނޫނާ ހިލާފަށް ސިފައިން ހައްޔަރުކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ މިނިވަން ކުރާނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ދެންމެ “ސަން އޮންލައިނަށް” ވިދާޅުވެއްޖެ. ނަން ނުޖެހުމަށް ޝަރުތުކޮށް، އެއޮފިޝަލް ވިދާޅުވީ މާގިނަ އިރުތަކެއް ނުވެ، ގާޒީ ޢަބްދުﷲ އޭނާގެ އާއިލާއާ ހަވާލު ކުރައްވާނެ ކަމަށް.21:00 މިރޭވެސް އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާކުރަން ފަށައިފި. ރައީސް ނަޝީދާއި ފުލުސް ކޮމިޝަނަރު ފަސީހުގެ އިސްތިއުފާއަށް ދަނީ ގޮވަމުން. ފުލުހުންގެ ސަފުތައް ތައްޔާރީ ހާލަތުގައި އެބަތިބި.20:45 ސަރުކާރާމެދު ސާބިތު ނުހިފޭ ވާހަކަ ދެއްކި ކަމަށް ބުނެ އެކަން ތަޙްޤީޤްކުރުމަށް ރައީސް ނަޝީދު އެންގެވުމާ ގުޅިގެން ފުލުހުން ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ދެފަހަރެއްގެ މަތިން ހައްޔަރުކޮށް، ކޯޓު އަމުރަށް ދެފަހަރުވެސް ދޫކޮށްލާފައި ވަނިކޮށް މިރޭވެސް ފުލުހަށް ޖަމީލް ހާޒިރުކޮށް ތިންވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ