ހަރާމް ގޮތުގައި ހޯދާ މުދާ ކައިގެން މަސްޖަހާފައިވާ އެއްވެސް މީހަކު ސުވަރުގެ ނުވަންނާނެ: ހުތުބާ
ހަރާމް ގޮތުގައި ހޯދާ މުދާ ކައިގެން މަސްޖަހާފައިވާ އެއްވެސް މީހަކު ސުވަރުގެ ނުވައްނާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. މުދަލާއި ލިބޭ އާމްދަނީގައި ތިބާގެ އަނބިދަރިން ކިބައިން ބަރަކާތްލެއްވުމަށް އެދޭ ނަަމަ ހަލާލުގޮތުގައި އާމްދަނީ ހޯދުމަށް ހުކުރު ހުތުބާގައި އެންމެހާ މުސްލިމުންނަށް ވަނީ ގޮވާލާފަ އެވެ. މަކަރާއި ހީލަތުން ކުރާ ވިޔަފާރީގެ ވާހަކައަށް އަލިއަޅުވާލާ ހުކުރު ހުތުބާގައި ބުނެފައި ވަނީ ވައްކަންކޮށްގެން ވަގަށް ނަގާ މުދާ ވިއްކުމާއި އެ މުދާ ގަންނަ މީހާއަށް ވެސް އެކުރެވެނީ ވައްކަމެއް ކަމަށެވެ. " ކޮންމެ ވިޔަފާރިވެރިއަކު އޭނާ މުދާ ވިއްކި ފަރާތްތަކާ އެކު ގިޔާމަތް ދުވަހުގައި މަޑުކޮށްލަން ޖެހޭ ދަނޑިވަޅެއް އަންނާނެ އެވެ. އަދި ހަމަ އެހެންމެ ކޮންމެ މީހަކު އެމީހަކު ކޮށްފައިވާ މުއާމަލާތްތަކުގައި އެ ދުވަހުން ހިސާބު ބެއްލެވޭނެ އެވެ." އަލް އިމާމު އަޒާލީއާ ހަވާލާދީ ހުކުރު ހުތުބާގައި ބުންޏެވެ. ވަޒީފާ އަދާކުރާ އިރު މަކަރު ހެދުމާއި މަސައްކަތަށް އިހުމާލުވުމަކީ ގިނަ ބަޔަކު ކުރާ ކަމެއް ކަމަށާއި ނަމަވެސް ވަޒީފާއަށް ހަދާ މަކަރު ވެސް ގިޔާމަތް ދުވަހުން ބައްލަވާ ވޮޑިގެންވާ ކަމަށް ވިދާޅުވެ ވަޒީފާއަށް މަކަރު ނުހެދުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. މަކަރާއި ހީލަތް ހެދުމަކީ ހައްގުގެ މައްޗަށް ބާތިލު އިސްކޮށް ހައްގަކީ ބާތިލުކަން ދެއްކުމަށް ކުރާ ކަމެއްކަން ފާހަގަކޮށް މިއަދުގެ ހުތުބާގައި ބުނެފައި ވަނީ ވަޒީފާ އަދާކުރާތަނުން ހަވާލުކުރާ މަސައްކަތަކީ ތިމާއާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށް ބަލައި މަކާރާއި ހީލަތް ހެދުމުން އެއްކިބާވާން ޖެހޭ ކަމަށެވެ. "އާންމު ފަރުދެއްގެ އޮފީހެއްގައި ނުވަތަ ފިހާރައެއްގައި ނުވަތަ ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތަށް ފަރުވާތެރިވެ، ތިމާއާ އެފަރުދަކާ ނުވަތަ ރައްޔިތުންނާ ދެމެދު އޮތް މުއާމަލާތެއް ކަމަށް ބަލައި އެކަމުގައި މަކަރާ ހީލަތް ހެދުމުން ދުރުހެލިވެ ގިޔާމަތްދުވަހު ތިމާ އެކަމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެކަން ދަނެ އެވަޒީފާގެ މަސައްކަތް ފުރިހަމައަަށް އަދާކުރަން ޖެހޭ،" ހުތުބާގައި ބުނެފައިވެ އެވެ. މަަކަރާއި ހީލަތް ހެދުމަށް ބައެއް މުވައްޒަފުން އަމަލުކުރާ ގޮތް ހުތުބާގައި ވަނީ ބަޔާން ކޮށްފަ އެވެ. އެގޮތުން އޮފީހުން ބޭރުގައި ގިނަ ވަގުތު އުޅުމާއި އޮފިހުގެ މަސައްކަތް ލަަސްކުރުމާއި، ކަންކަން ނުކުރުމަށް މަގުތަށް ހިޔާރުކުރާ ކަމަށް ހުތުބާގައިވެ އެވެ. އަދި އެއްވެސް ސަބަބެއް ނެތި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި އާދިއްތަ ދުވަހު ސަލާމް ބުނުމަކީ ވެސް މަކަރު ހަދާ މީހުން ކުރާ ކަމެއްގެ ގޮތުގައި ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ