ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމާ ދިމާކޮށް ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވާ ކަމަށާއި ނަމަވެސް އެ މުއްދަތުގައި ކަރަންޓު އިގުތިސާދު ކޮށްފި ނަމަ 15 ޕަސެންޓާ ހަމައަށް ބިލު ކުޑަކުރެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލު ބޮޑުވާތީ, އެކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ސްޓެލްކޯ އިން ކުރިއަށް ގެންދާ އެނާޖީ ސޭވިން ކެމްޕެއިން މިއަހަރަށް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ, މީގެ 15 އަހަރުން ފެށިގެންވެސް އަހަރުގެ ފުރަތަމަކޮޅު ކަރަންޓު ބިލު ބޮޑުވާކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށެވެ.
އަދި އޭނާ މަގާމާ ހަވާލުވި އިރު, އެންމެ ބޮޑަށް ލިބޭ އެއް ޝަކުވާއަކީވެސް ކަރަންޓު ބިލު ބޮޑުވުމާއި ކަރަންޓު ކެނޑުމުގެ މައްސަލަ ކަމަށާއި ނަމަވެސް އޭރު ކުންފުންޏަށް ގެންނަން ބޭނުންވި ބަދަލުތަކުގެ ތެރެއިން ގިނަ ބަދަލުތައް ގެނެސް, ޝަކުވާތައް މަދު ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.
މުޣުނީ އިތުރަށް ވިދާޅުވީ, ކަރަންޓު ބޮޑުވުމާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ލިބިގެންދާ މިންވަރަކުން ޝަކުވާ މަދުވާނެ ކަމަށާއި އިގުތިސާދު ކުރުމާ ގުޅޭގޮތުން ވިސްނައި, އަމަލީ ސިފަތަކެއް ގެންނާނެ ކަމަށެވެ. އަދި ވިސްނައިގެން ކަރަންޓު އިގުތިސާދުކޮށްފި ނަމަ, 15 ޕަސެންޓަށް ކަރަންޓު ބިލު ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އެނާޖީ ސޭވިން ކެމްޕެއިނެއްގެ ބޭނުމަކީވެސް އާންމު ރައްޔިތުންގެ އަތުން ބޭކާރު ގޮތުގައި ފައިސާ ހަރަދުވެގެން ދިއުން މަދުކުރުން ކަމަށް މުޣުނީ ވިދާޅުވި އެވެ.
މިއަހަރުގެ އެނާޖީ ސޭވިން ކެމްޕެއިންގެ ދަށުން ސްޓެލްކޯ އިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގަން ނިންމައިފަ އެވެ.
އެގޮތުން ކަރަންޓު އިގުތިސާދު ކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ބާއްވައި, ފައިސާގެ އިނާމު ދިނުމާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކުރުމާއި އައުޓްޑޯ ބިލްބޯޑުތަކެއް ޖަހައި, ސްޓެލްކޯގެ މާޓީވީގެ ބޮޑު ސްކްރީނުގައި ހޭލުންތެރިކުރުވުމަށް ކުލިޕްތަކެއް އެޅުވުން ހިމެނެ އެވެ.
އޭގެ އިތުރުން ކަރަންޓު ބިލު ކުޑަކުރުމަށް މަޖާ މާހައުލެއްގައި މައުލޫމާތު ދިނުމަށް ކުޑަކުދިންނާއި ބެލެނިވެރިންނަށް ހަވީރުތަކެއް ބާއްވަންވެސް ވަނީ ނިންމައިފަ އެވެ.
ހޫނު މޫސުމުގައި ކަރަންޓު އިގުތިސާދު ކޮށްފި ނަމަ %15އާ ހަމައަށް ބިލު ކުޑަކުރެވޭނެ: މުޣުނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ