ރާޝިދުގެ ކެންޕެއިންގައި ގާސިމް ބައިވެރިވީ ހުސައިން ވަހީދަށް އިހްތިރާމް ކުރުމުގެ ގޮތުން: އަލީ ހަމީދު

ކޮމަންޑޫ ދާއިރާއަށް ވާދަ ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދަށް ތާއީދު ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވީ އެ ދާއިރާގެ މެމްބަރު އަލްމަރުހޫމް ހުސައިން ވަހީދަށް ކުރަންޖެހޭ ގަދަރާއި އިހްތިރާމް ދިނުމުގެ ގޮތުން ކަމަށް އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒްގައި ރޭ ބޭއްވި ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އަލީ ހަމީދު ވިދާޅުވީ އިންތިހާބުގައި ވާދަ ކުރުމުގެ ބަދަލުގައި ޖޭޕީގެ ވިސްނުން ހުރީ ހުސައިން ވަހީދަށް ކުރަންޖެހޭ އިހްތިރާމާއި ގަދަރު ދިނުމުގެ ގޮތުން ވެސް އެމްޑީޕީއާ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ. "ހުސައިން ވަހީދުގެ ފުރާނައަށް ޓަކައި ވެސް އަޅުގަނޑުމެން ކުރަން މަޖުބޫރު ކަމެއްގެ ގޮތުގައި ދެކިގެން އޭނާގެ ދަރިފުޅު ވެސް ދާއިރާއަށް ގޮސްގެން މި މަސައްކަތް ކުރާ ހިސާބަށް ދިޔައީމަ އަޅުގަނޑުމެން އެކަމަށް އިހްތިރާމް ކުރަންޖެހޭނެ،" އަލީ ހަމީދު ވިދާޅުވިއެވެ. "އެއީ ގާސިމް އިބްރާހީމް މީގެ ތެރެއަށް ވަދެވަޑައިގެންނެވި ސަބަބަކީ. އެއްވެސް ހާލެއްގައި އަމިއްލަ އެހެން އެއްވެސް އެދުމެއް އޮވެގެނެއް ނޫން،" އޭނާ ވިދާޅުވިއެވެ. މި ސަރުކާރަށް ތައުރީފް ކުރައްވަމުން ޖޭޕީގެ މެމްބަރު އަލީ ހަމީދު ވިދާޅުވީ މި ދުވަސްވަރު ބޮޑެތި ބިޔަ އުމްރާނީ މަސައްކަތްތައް ކުރުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ ސަރުކާރަށް ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަލީ ހަމީދު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ހަލުވި ދުވެލީގައި ގައުމުގެ އިގްތިސޯދު ކުރިއަރައިގެން ގޮސްފައި ނެތްކަން އެއީ އެންމެން ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. "ޑޮލަރުގެ އަގު ބޮޑުވެގެން ވިޔަފާރިތައް ބަނގުރޫޓު ވަމުންދާ މަންޒަރެއް ވެސް މިއަދަކު ނުފެނެ،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ސަރުކާރުން މިހާރު ކުރިއަށް ގެންދާ އުމްރާނީ މަސައްކަތް ތަކަކީ އެ ދާއިރާގެ ރަށްރަށުގެ ތަރައްގީއާމެދު ހުސެއިން ވަހީދު ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ޓަކައި ފެއްޓި މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެ ކުރާ މަސައްކަތަކީ އިންތިހާބާ ގުޅިގެން ސަރުކާރުން ކުރަންފެށި މަސައްކަތެކޭ ބުނެވޭކަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވައި ރާޝިދަށް ތާއީދު ހޯދުމަށް ޓަކައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގެންދަވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ވަރަށް ފޯރީގައި ކެންޕެއިން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ