"އިންޑިއާ އައުޓް" ބެނާ މައްސަލަ: ދައުލަތުން ސުޕްރީމް ކޯޓަށް ނުދާން ނިންމައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ހަރުކޮށްފައިހުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ދައުލަތުން ނިންމައިފިއެވެ.
ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިހުރި ބޮޑު ބެނާ ނަގަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް، އެއަމުރު ނެރެފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި، ފުލުހުން ބެނާ ނެގުމުގައި އަމަލުކޮށްފައިވަނީވެސް ގާނޫނާ ޚިލާފަށް ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށް ކަނޑައަޅައި ހައިކޯޓުން ވަނީ އެއަމުރު ބާތިލްކުރުމަށް ހުކުމްކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމާފައިވާ ކަމަށާއި، އެގޮތަށް ނިންމީ ހައި ކޯޓުގެ ހުކުމް އޮތްގޮތުން، ބެނާ އަތުލަން އާ އަމުރަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އެބެނާ ނެގުމަށް ފުލުހުން ކޯޓު އަމުރު ހޯދާފައިވަނީ އާންމު މަސްލަހަތަށް ހުރަސް އެޅޭ ފަދަ އަމަލެއް ހިންގާ ކަމަށް ތުހުމަތުކޮށް ނަމަވެސް، ކުށެއްގެ ތުހުމަތުގައި ހެއްކެއް ހޯދަން، ބަލައި ފާސްކުރުމުގެ އަމުރެއް ހޯދި ނަމަވެސް އަމުރު ނެރެން އެކަށީގެންވާ ސަބަބެއް އެއަމުރުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އަދި، ބެނާ ހުރީ ދޫވެހީގެ ބޭރުން ހަރުކޮށްފައިވާ ދާގަނޑެއްގައި ހުރި ހޮޅިތަކެއްގައި އައްސާފައި ކަމަށާއި، އެއީ ރައީސް ޔާމީންގެ ގޭގެ އިމުން ބޭރުގައި ހުރި އެއްޗެއް ކަމުން ކޯޓު އަމުރަކާ ނުލައި ވެސް ބެނާ ނަގައިގެން ފުލުހުންނަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ