މެމްބަރު އީސަ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނުދިން

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނުދިނެވެ.
އަމުރު ނުދިން ސަބަބެއް އަދި ސާފެއް ނުވެއެވެ.
ގެވެށި އަނިޔާގެ މައްސަލައިގެ ތަހްގީގަށް އަހްމަދު އީސަ ހައްޔަރުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެދުނީ، އެކަމަށް ފުލުހުން އެދިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވީނިއުސްއަށް މިއަދު ކަށަވަރު ކޮށްދީފައި ވެއެވެ.
އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީން އެދިފައި މިވަނީ އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އީސަގެ ފަރާތުން އަނިޔާލިބިގެން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ވަނީ އައިޖީއެމްއެޗް އިން ފަރުވާވެސް ހޯއްދެވުމަށްފަހު މައްސަލަ ފުލުހަށް ހުށަހަޅުއްވާފައެވެ. އަސްރާއަކީ ނައިބުރައީސް ފައިސަަލް ނަސީމްގެ ކޮއްކޯފުޅެވެ.
މިމައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާންވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ