އަދީބާއެކު އެމްޑީޕީން ޑީލްތަކެއް ހަދާފައި އޮތަސް ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް: އުމަރު
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ އެކު އެމްޑީޕީން ހެދި ޑީލްތަކާ ގުޅިގެން ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަންކުރުމުގެ ގާނޫނީ އެއްވެސް ބާރެއް ސަރުކާރަށް ނެތް ކަމަށާއި އަދީބާ އެކު އެމްޑީޕީން ހެދި ޑީލްތަކަށް ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އުމަރު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ދުވަހު ރައީސް ނަޝީދު މިނިވަންކުރާނެ ކަމަށް ސަރުކާރުން އެއްބަސްވިކަމަށް ބުނެ އެމްޑީޕީން މިއަދު ބަޔާނެއް ނެރެފައިވަނިކޮށެވެ. ސަރުކާރުގެ ފަރާތުން އެމްޑީޕީއާ މަޝްވަރާކުރުމަށް ކަނޑައެޅި ޓީމްގެ އެންމެ އިސް ވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޔަން ކުރެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މިދިޔަ އަހަރު ކުރިއަށްގެންދިޔަ އެ މަޝްވަރާތަކުގައި ރައީސް ނަޝީދު މިނިވަންކުރުމަށް އެއްބަސްވެފައިނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުފައި ވަނީ އެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިޔައިރު ކޮންމެ ބައްދަލުވުމަކަށްފަހު ސަރުކާރާއި އެމްޑީޕީން އެކުގައި މީޑިއާތަކަށް މައުލޫމާތު ދެމުންދިޔަ ކަމަށާއި އެކަން ހިނގައިދިޔަގޮތް ނޫސްވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އަދީބު އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އާ އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވައި ރައީސް ނަޝީދު މިނިވަން ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އަޑުތަކެއް ފެތުރުނު ދުވަސްވަރު ސަން އިން ދެންނެވި ސުވާލުގެ ޖަވާބުގައި އިބޫ ވިދާޅުވެފައި ވަނީ އެކަމާ ގުޅޭގޮތުން އަދި އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ