2018 ގައި ޔާމިނަށް "ތަންބްސް ޑައުން" ދައްކާލާނަން: މަހުލޫފް

ރިޔާސީ ބަޔާން އިއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން ދެއްކެވި "ތަމްބްސް ޑައުން" އެމަނިކުފާނަށް 2018 ވަަނަ އަހަރު ދައްކާލާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
މަހުލޫފްގެ ޓްވީޓުގައި ވިދާޅުވީ މިއަދު ރައީސް ޔާމީން އޭނާއާ ދިމާލަށް ބޮޑުވާ އިނގިލި ވަތަށް ޖަހައިގެން "ތަމްބްސް ޑައުން" ދައްކާލިނަމަވެސް، އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރު އޭނާގެ ފަރާތުން ރައީސް ޔާމިނަށް "ތަމްބްސް ޑައުން" ދައްކާލާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ފަށްޓަވައިދެއްވުމުގެ ގޮތުން މިއަދު ރިޔާސީ ބަޔާން އިއްވުމަށްފަހު ރައީސް ޔާމީން ވަނީ އަތުން ހަނާއަޅުއްވާ ސަރުކާރު މެންބަރުންނަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި އެއަށްފަހު އިދިކޮޅު މެންބަރުންނަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ އަތުގެ ބޮޑުވައި އިނގިލި ތިރިއަށްޖަހާ މަލާމާތް ރައްދުވާ ގޮތަށް އަމަލުކުރައްވާފަ އެވެ.
ރިޔާސީ ބަޔާން އިއްވެވުމަށްފަހު ރައީސް މިއަދު މަޖިލީހުގެ މާލަމުގައި އިދިކޮޅު މެންބަރުންނަށް މަލާމާތް ރައްދުވާގޮތައް، އެމަނިކުފާނުގެ އަތުގެ ބޮޑުވައި އިނގިލި ތިރިއަށްޖަހާ ކުރެއްވި މަލާމާތުގެ އިޝާރާތަށް ދައްކުވާދޭ ފޮޓޯތައް ސޯސަލް މީޑިއާގައި އާންމުވުމާއި ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާ ބައެއް އާންމު ރައްޔިތުންވެސް ގެންދަނީ އަޑު އުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ