ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު މަޑުން ހުންނެވީ އެމަނިކުފާނުގެ ޚަރަދުގައި ކިޔަވަމުންދާ އެތައްސަތޭކަ ދަރިވަރުންނާއި، ބޭސްކުރަމުންދާ ފަރާތްތަކާއި، އެމަނިކުފާނުގެ ކުންފުނީގައި ވަޒީފާ އަދާކުރަމުންދާ އެތައްހާސް ބައެއްގެ ހައްގުގައިކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން އިބްރާހިމް މިހެން ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން މިނަމުގައި ރޭ ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަވަމުންނެވެ.
އަމީން ވިދާޅުވީ ސަރުކާރުން ހިންގާ އަނިޔާވެރިކަމާއި ދެކޮޅަށް ފަށާފައިވާ ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ރައީސް ނަޝީދު ހިފާ ހައްޔަރުކޮށް ޝަރީއަތް ހިންގާ ދިގު މުއްދަތަކަށް ޖަލައްލާފައިވަނީ އެ ހަރަކާތްތައް ހީނަރުކުރުމަށް ކަމަށާ ގާސިމް އިބްރާހިމަށް އިގްތިސާދީ ގޮތުން ދަތިކޮށް އެމަނިކުފާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދަނީވެސް އެނިޔަތުގައި ކަމަށް ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު މަޑުން ހުންނެވީ އެމަނިކުފާނުގެ އަމިއްލަ މަަސްލަހަތެއް އެކަމުގައި އޮތުމަކުން ނޫން. އެމަނިކުފާނު މަޑުން އެ ހުންނެވީ އެމަނިކުފާނުގެ ހަރަދުގައި ކިޔަވަމުންދާ އެތަށްސަތޭކަ ދަރިވަރުންނާއި، ބޭސްކުރަމުންދާ ފަރާތްތަކާއި، އެމަނިކުފާނުގެ ކުންފުނީގައި ވަޒީފާ އަދާކުރަމުންދާ އެތަށްހާސް ބައެއްގެ ހައްގުގައި،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި ގާސިމް އިބްރާހިމް އިސްލާހީ ހަރަކާތުގައި އަބަދުވެސް ސާބިތުވެ ހުންނާނެ ޖުމްހޫރީ ޕާޓީ އުފެދިގެން އައީ އެ މަގްސަދުގައި ގައުމާއި ރައްޔިތުންގެ ހެވާ ލާބައަށްޓަކައި ކަމަށެވެ. އިސްލާހީ މަސައްކަތުގައި ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތް އެޕާޓީގެ ކޮންމެ މެންބަރަކުވެސް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށާ ހަގީގަތް އޮޅުވާލާ އާންމުންގެ މެދުގައި ދެބަސްވުން އުފެދޭ ގޮތަކަށް ބަޔަކު ވާހަކަތައް ފެތުރިނަމަވެސް އެކަމާއި ކަންބޮޑުނުވުމަށް އަމީން އެދިވަޑައިގެންނެވި އެވެ.
އަމީން ވިދާޅުވީ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަކީ މިސަރުކާރުން އަނިޔާވެރިވާން ބޭނުންވާކަން ހާމަވާ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ހުރިހާ ސިޔާސީ ލީޑަރުން ފައްޗަކަށް އަމުނައިގެން ރައްޔިތުންނަށް އާންމުވެގެންވާ އަނިޔާވެރިކަމެއް ފެތުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
މި ހިނގާލުމުގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ އަސާސީ ހައްގުތައް ހަނިކޮށް ހިދުމަތްތަކުގެ އަގު ބޮޑުކޮށް ސިޔާސީ ވާދަވެރިން ޖަލައްލައިގެން މި ގައުމު ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ. އެހެންކަމުން މެއި މަހުގެ އެއްވަނަ ދުވަހު އޮންނަ އަނިޔާވެރިކަމާއި ދެކޮޅު ބޮޑު އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ސަމީރު ވަނީ ގޮވާލައްވާފަ އެވެ.
މި ހިނގާލުމުގައި ވާހަކަ ދެއްކެވި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުން ވިދާޅުވީ ރައްޔިތުންގެ އަޑު ކަނޑުވާލަން ކިތަންމެ ބޭނުންވިޔަސް ސަރުކާރަށް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި މެއި އެއްވަނަ ދުވަހުގެ ކުރިން ސުލްހައިގެ މޭޒަށް އައިސް ރައްޔިތުންނާއި އެ ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވާ ސިޔާސީ ލީޑަރުންނަށް އަނިޔާކުރުން ހުއްޓާލުމަށް އެބޭފުޅުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
މި ހިނގާލުމުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންގެ އިތުރުން އާންމުންގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
ގާސިމް މަޑުން ހުންނެވީ އެތައް ބައެއްގެ ހައްގުގައި: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ