ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުފިއްލަވާނެ ކަމަށާއި ފަރުވާ ފުރިހަމަވުމުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ވީޓީވީއިން ގެނެސްދިން "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރިޔާޒު ވިދާޅުވީ ގާސިމްގެ ޝަރީއަތް ދިޔައީ ގާނޫނު އަސާސީއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށާއި ނަމަވެސް ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އިހުތިރާމް ކުރަންޖެހޭތީ އެއަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
ގާސިމްގެ ބޭސްފަރުވާގެ އަމުރު ދައުލަތުން އިސްތިއުނާފަށް ހުށަހަޅާފައި ވީނަމަވެސް ފަރުވާ ފުރިހަމަ ކުރުމަށް ފުރުސަތު ދޭންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމް ސިންގަޕޫރަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދިނީ ސިންގަޕޫރަކީ ސަރުކާރުން އެންމެ އިތުބާރު ކުރާ ތަނަކަށް ވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް ސިންގަޕޫރުން އެމަނިކުފާނަށް ފަރުވާ ދެއްވާ ޑޮކްޓަރު މަދުވެގެން ތިންމަސް ދުވަސް ބޭނުންވާ ކަމަށް ވިދާޅުވުމުންވެސް އެމުއްދަތު ނުދީ ސަރުކާރުން އަމަލުކުރާ ގޮތުން އިޚުލާސްތެެރިކަމެއް ނެތްކަން އެނގޭ ކަމަށެވެ.
ކްރިމިނަލް ކޯޓުން މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރާ ގޮތަށް ގާސިމްގެ ބޭސްފަރުވާއަށް އެތިއެތިކޮޅުން މުއްދަތު އިތުރުކޮށްދެނީ އެމަނިކުފާނަށް ޕްރެޝަރު ކުރުމަށް ކަމަށާއި ގާސިމް އިބްރާހީމަށް އިއްވާފައިވާ ހުކުމަށް ފިއްލަވައިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމުގެ ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމާމެދު މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތުން ވަރަށް ކަންބޮޑުވާ ކަމަށާއި ކޮންމެ ކަމެއްވެސް ކުރަނީ ސަރުކާރުގެ މުވައްޒަފަކު މެދުވެރިވެގެން ކަމަށް ވާއިރު ގާނޫނާއި ގަވާއިދަށް ބަލަންޖެހޭ ކަމަށެވެ.
ވަކި މީހަކު ބުނާހާ ގޮތަށް ކަންކަން ކުރަން ނުޖެހޭ ކަމަށާއި، އެމީހަކު ކުރާ ކަމެއްގެ ޒިންމާ އެމީހަކު ނަގަންޖެހޭނެ ކަމަށާއި ކޯޓު ހުކުމް ބުނާގޮތުންވެސް ފަރުވާ ފުރިހަމަވަންދެން ބޭސްފަރުވާގެ ފުރުސަތު ދޭންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ހުށަހަޅާފައިވާ ލިޔެކިޔުންތައް ރަގަޅަށް ދިރާސާކޮށް ގާސިމްގެ ބޭސްފަރުވާއަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ރިޔާޒު ގޮވާލެއްވިއެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމަކީ ސިޔާސީގޮތުން ވަރަށް ނުފޫޒުގަދަ ބޭފުޅެއް ކަމަށާއި އެމަނިކުފާނާމެދު އިހާނެތިކޮށް އަމަލުކުރަމުންދަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސަރުކާރު ޒިންމާދާރުކުރުމަށް ކުރާ މަސައްކަތަށް ޕްރެޝަރު ކުރުމަށް ކަމަށެވެ. ގާސިމް އިބްރާހީމް ޖިނާއީ ކުށެއް ނުކުރައްވާކަން އެންމެނަށް ވެސް އެނގޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒު ވިދާޅުވީ މީހަކަށް ހުކުމެއް ތަންފީޒު ކުރެވޭނީވެސް އެމީހަކު ދިރިހުރެގެން ކަމަށާއި މީހެއްގެ ފުރާނައާ ކުޅެލަންވެސް ސަރުކާރުން ޖެހިލުން ނުވާ ކަމަށެވެ.
ގާސިމް އިބްރާހީމަށް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވޭނީ ސިއްހީ ހާލުކޮޅަށް ކަމަށާއި ފަރުވާ ފުރިހަމަކުރެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެ ވަޑައިގެން އިސްލާހީ މަސައްކަތުގައި އެމަނިކުފާނު އުޅުއްވާނެ ކަމަށެވެ.
ގާސިމް އިބްރާހިމް ނުފިއްލަވާނެ, ފަރުވާއަށްފަހު ރާއްޖެ ވަޑައިގަންނަވާނެ - އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ