އޭޖީގެ އިތުބާރު ނެތްކަމަށް ނިންމުމަށް އެކަށީގެންވާ ސަބަބެއް އެބައޮތް: މައުމޫން ހަމީދު

ގާނޫނު ހެދުމުގެ ބާރާ ދެކޮޅަށް ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ސްްޕްރީމްކޯޓަށް މައްސަލައެއް ހުށައެޅުއްވުމަކީ މިހާރުވެސް ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް ނިންމުމަށް އެކަށީގެންވާ ސަބަބެއް ކަމުގައި މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ،
ވީނިއުސް އާއި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ގާނޫނު ހެދުމުގެ ބާރާ ދެކޮޅަށް ސަރުކާރުގެ ފަރާތުން އޭޖީ ވަކާލާތު ކުރެއްވުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށެވެ. އަދި ސްޕްރީމްކޯޓުގެ ނިންމުމަކާއި ދެކޮޅަށް ބަންޑާރަ ނައިބު މަސައްކަތް ކުރެއްވުމަކީވެސް އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އެކަށީގެންވާ ސަބަބެއް ކަމުގައިވެސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، 2009 ވަނަ އަހަރު ސްޕްރީމްކޯޓުން، ދުސްތޫރީ މައްސަލަތައް ހުށައެޅޭނެ ގޮތާއި ގުޅޭ ގޮތުން ނެރުނު ރޫލިންގައި، ބަންޑާރަ ނައިބަކީ ދައުލަތުގެ ތިންބާރު ތަމްސީލް ކުރައްވާ ބޭފުޅެއް ކަމާއި، އެމަނިކުފާނަށް ހަމައެކަނި އެއްބާރުގެ ދިފާއުގައި ވަކާލާތު ނުކުރެއްވޭނެ ކަމުގައި ނިންމަވާފައިވާ ކަމުގައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ވަޒީރުން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެ، އެ ސަބަބުގެ މައްޗަށް ބިނާކޮށްގެން އެކަނި ކަމަށާއި ސިޔާސީ ގޮތުން ވަޒީރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނޯންނާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެކަމާއި ގުޅޭ ގޮތުން މައުމޫން ހަމީދު ވިދާޅުވީ، ބަންޑާރަ ނައިބު އަނިލް މަޤާމުގައި ހުންނަވަނިކޮށް ދެނައިބު ރައީސަކު މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަޤާމުން ވަކިކޮށްފައިވާ ކަމަށާއި، އޭރު ބަންޑާރަނައިބަކަށް ހުންނެވީ އަނިލް ނޫންނަމަ މިހާރު އެމަނިކުފާނު ހުށައަޅުއްވާފައި އެވާ ކަންބޮޑުވުންތައް ބަލައިގަނެވިދާނެ ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ