ސުޕްރީމް ކޯޓުގެ އެންގުތަކާއި ހުކުމްތަކަށް އަބަދުވެސް ބޯލަނބާކަމަށާއި، އެކޯޓުގެ ނިންމެވުމަކާ ޚިލާފު އެއްވެސް ކަމެއް އިލެކްޝަންސް ކޮމިޝަނުން ނުކުރާނެކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އެދާއިރާތަކުގެ ބައި-އިލެކްޝަންތައް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު، ބައި އިލެކްޝަންތައް ބޭއްވުން ހުއްޓުވުމަށް އެދި ގޮނޑިގެއްލުނުކަމަށް ކަނޑައަޅާފައިވާ މެންބަރުންވަނީ ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު، އަހްމަދު އަކްރަމް ވިދާޅުވީ، ބައި އިލެކްޝަން ބޭއްވުމަށް ވާންޖެހޭ އިދާރީ ކަންކަން ހަމަޖައްސަވަމުން ގެންދަވާކަމަށާއި، އިދާރީ ކަންކަން ނިމުމުން ބައި އިލެކްޝަންތައް ބާއްވާނެ ތާރީޚެއް އިއުލާން ކުރާނެކަމަށެެވެ.
އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން މިފަދަ ކޮންމެ ކަމެއްގައިވެސް ކޯޓުގެ އެންގުންތަކާއި، ނިންމުންތަކަށް ތަބާވާނެކަމަށާއި، އެފަދަ އެންގެވުމެއް ނުވަތަ އަމުރަކާއި ޚިލާފަށް ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރާ މެންބަރުންގެ ތެރެއިން އެ ޕާޓީން ވަކިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި ޕީޕީއެމުން އެދުމުން ކޮމިޝަނުން ގޮނޑިގެއްލިއްޖެކަމަށް ނިންމާފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަޙީދު އިބްރާހިމާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެއެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ ދަނގެތި ދާއިރާ އާއި މައްޗަންގޮޅި ދެކުނު ދާއިރާވެސް ހިމެނޭހެން ޖުމްލަ ހަ ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަމަށް ކަނަޑައަޅައި އެދާއިރާތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި އެދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ.
ސުޕްރީމް ކޯޓުގެ ނިންމެވުމަކާ ޚިލާފު އެއްވެސްކަމެއް ނުކުރާނަން - އިލެކްޝަންސް ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ