ގޮނޑީގެ މައްސަލައިގަ ސުޕްރީމް ކޯޓުން ހުކުމް ސާފުކޮށްދޭން ޖެހޭ: މެންބަރުން

މަޖިލީހުގެ ހަތަރު މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ގޮތް ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް އެ މެންބަރުން ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައެޅުމުން އެކަމުގައި ގޮތެއް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ.
އެ ހަތަރު ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މެންބަރުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އެކި ފަރާތްތަކުން މާނަ ކުރަމުންދަނީ އެކި ގޮތަށް ކަމަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގަ ނެރެފައިވާ ހުކުމުގައި ބުނެފައިވަނީ އިތުރަށް ނިންމާނެ ނިންމުމެއް ނެތް ކަމަށެވެ.
އެހެންވެ އިދިކޮޅު ފަރާތްތަކުން ބުނަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެ ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަމަށެވެ. އެކަމަކު ސަރުކާރާއި އީސީން ބުނަނީ ކޯޓުން ނިންމީ ގޮނޑި ގެއްލިފައިވާ ކަމަށް ކަމަށެވެ.
އެ ހަތަރު މެންބަރުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އިތުރަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކުރާ ހުކުމަކީ ވަރަށް ސަފުކޮށް ވަކި ގޮތެއް ކަނޑައެޅިގެން އެނގެން އޮންނަ ހުކުމަކަށް ވާންޖެހޭ ކަމަށް މީގެ ކުރިން ނިންމާފައިވާ ނިންމުމަކުން އެނގޭ ކަމަށެވެ.
މެންބަރުން ވިދާޅުވީ ޕީޕީއެމްއިން ވަކިކުރީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ކަމަށެވެ. އީސީން ބައި އިލެކްޝަން އިއުލާނުކޮށްގެން ހިންގަމުންދަނީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ